އިބްރާހިމް ޒަކީ
އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) އާއި ކުރީގެ ރައީސް މައުމޫނު އަަބުދުލް ގައްޔޫމު ހިމެނޭގޮތަށް ހަދާފައިވާ ސަރުކާރު ކޯލީޝަން އެގްރީމެންޓެއް ނޯންނާނެ ކަމަށާއި، ނެތް ކޯލީޝަން އެގްރީމެންޓެއް އޮތް ކަމަށް ހަދައިގެން ސަރުކާރު ބަހާލައިގެން އުޅެނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ނިޒާމީ މައްސަަލަ ނަންގަވައި ވާހަކަ ދައްކަވަމުން، ޖާބިރު ވިދާޅުވީ، ކޯލީޝަނަކީ، ގާނޫނުއަސާސީގައި ދުވަހަކުވެސް އޮތްކަމެއް ނޫން ކަމަށެވެ. އަދި ކޯލީޝަންގެ ވާހަކަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނެތް ކޯލީޝަން އެގްރީމެންޓެއް އޮތް ކަމަށް ހަދައިގެން ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރު ބަހާލައި، ބައި އެޅުމުގެ ސަބަބުން ސަރުކާރު ރަނގަޅަށް ހިނގަމުން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނު އަސާސީގައި ދުވަހަކުވެސް ނެތްކަމެއް ހަދައިގެން މިއުޅެނީ. ކީއްވެގެންތޯ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް ދަންނަވާލާ ނަން، ކޮންތާކުތޯ ކޯލީޝަން އެގްރީމެންޓެއް އޮތީ، ރައީސުލް ޖުމްހޫރިއްޔާ އެބަޖެހޭ މި މަޖިލީހަށް ސާފުކޮށް ވިދާޅުވެ ދެއްވަން. ނެތް ކޯލީޝަން އެގްރީމެންޓެއް، އޮތް ކަމަށް ހަދައިގެން މުޅީން ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރު ބަހާލައިގެން ބައި އަޅައިގެން، ސަރުކާރު ނުހިނގައިގެން މިއުޅެނީ. ޖުމްހީރީ ޕާޓީއަށްވެސް އެހާ ބައިވަރު، ދެން ރައީސް މައުމޫނަށް ވެސް އެހާ ބައިވަރު،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ވޯޓު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް ކަމަށެވެ. އެހެންކަމުން ސަރުކާރު ކޯލީޝަން ނެތް ކަމަށް އެމަނިކުފާނު އިއުލާން ކުރައްވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނޫންނަމަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ކޯލީޝަނަކީ ކޮބައި ކަމާއި، ކޯލީޝަންގައި ހިމެނެނީ ކޮންބައެއް ކަމާއި، ކޯލީޝަން ހަދައިގެން އުޅެނީ ކާކުތޯ، ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރު ކޯލީޝަން ހެއްދެވީ ކޮން ގައުމެއްގައި ހުންނަވައިގެންކަން ރައީސް ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވޯޓު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އެހެންކަމުން ކޯލީޝަން ނެތްކަމަށް މިއަދު އިއުލާން ކުރަން ޖެހޭ، އެހެންނޫނިއްޔާ މި މަޖިލީހަށް ވަޑައިގެން ވިދާޅުވާން އެބަޖެހޭ، ކޮބައިތޯއޭ ކޯލީޝަނަކީ، ކާކު ހަދައިގެން އުޅޭ ކޯލީޝަނެއްތޯ، މި މަޖިލީހަށް ވަޑައިގެން ރައީސް ވިދާޅުވާން އެބަޖެހޭ ކޮން ގައުމެއްގައި ހުންނަވައިގެންތޯ، ކޯލީޝަން ހަދައިފަ އޮތީ، ނޯންނާނެ ހަދައިފައެއް،" ޖާބިރު ވިދާޅުވިއެވެ.