ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫގެ ފަހުބަސް: އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަދުލު އިންސާފަށް!

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުން މިއަދު ހަވީރު ހައެއް ޖަހާ އިރު، ބަންދުވާނެއެވެ. ކެމްޕޭނުގެ ފަހު ރެލީއަށް ވާދަކުރާ ދެ ކެންޑިޑޭޓުންވެސް ނުކުތީ މަގުތަކަށެވެ. ރައީސް ޔާމީންވެސް ފޯރިގަދަ ވާހަކަތަކަކާއެކު ކެމްޕެއިން ނިންމާލި އިރު، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭން ނިންމާލީ ފަހު ބަޔާނަކާ އެކުގައެވެ.

އިބޫގެ ބަޔާނުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ އަނިޔާ ލިބެމުންދާ ފަރާތްތަކާއި، އެ ފަރާތްތަކަށް ގާއިމްކޮށްދޭ އަދުލު އިންސާފަށެވެ.

"ދިވެހި ރާއްޖޭގެ އާންމު ހާލަތު މިވަނީ މީގެން ޒަމާނެއްގައިވެސް ނުދާ މިންވަރަށް ދަށަށް ގޮސްފައި. ތަކެތީގެ އަގާއި ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ދަނީ ބޮޑުވަމުން. ދަރަނީގެ ދަންތުރައަކަށް ދިވެހި ގައުމު ވަނީ ވެއްޓިފައި. ރާއްޖޭގެ ގިނަ ރައްޔިތުން މިއަދުވެސް އެތިބީ އެންމެ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި. އެއްވެސް ރައްޔިތަކަށް ވަޒީފާގެ މާހައުލުގައި މިއަދު މިނިވަންކަމެއް ނެތް. ސަރުކާރުގެ ވަޒީފާގައި ވަކިމީހަކު އަންގާ ގޮތަށް އުޅެން މަޖުބޫރުކުރުވައިފި. މިނިވަން ކަމާއެކު ހައްގު ބަސްބުނުމާ، ބޭ އިންސާފަށް އެއްބަސް ނުވުމަކީ ކުށަކަށް ހަދައިފި. ނުހައްގުން އެތައް ބަޔަކު ޖަލަށް ލައިފި. އެތައް އާއިލާއެއް ބިކަކޮށް، ގާނޫނު އަސާސީގެ ހަމަތައް މުގުރައި ރާއްޖޭގެ އަމާންވެށި ކިލަނބުކޮށްފި. 30 އަށްވުރެ ގިނަ މީހުން ހައްގަކާ ނުލައި މަރައިފި. އެތައް ބަޔަކު ގެއްލުވާލައިފި. އެތައް ބަޔަކަށް އަނިޔާ ދީފި. މަގުތަކުގެ އަމާންކަން ނަގާލައިފި. މިކަންކަމުގެ ޖަވާބު ހޯދުމަށް ކުރެވޭ ތަހުގީގުތަކަށް ނުފޫޒު ފޯރުވާ އެކަން ހުއްޓުވައިފި. ސަލާމަތުގެ ބޭފުޅުން ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްކޮށް، ނިކަމެތިކޮށްފި،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުން އަދުލު އިންސާފް ނެތިކޮށްފި ކަމަށާއި، ކޯލިޝަން ސަރުކާރުން ނުކުންނަނީ އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

"އަދުލު އިންސާފުގެ ދާއިރާގެ ހުރިހާ ކަމެއް ނެތިކޮށްފި، އަޅުގަނޑުމެން މިހާލަތުން އަރައިގަންނަން ޖެހޭ. ދިވެހިރާއްޖޭގެ އުފެދިފައިވާ ސިޔާސީ ޕާޓީތަކާއެކު، ބޮޑު ކޯލިޝަނަކާއެކު އަޅުގަނޑުމެން މި ނުކުންނަނީ އަނިޔާ ލިބެމުންދާ އެތަކެއް ބަޔަކަށް އިންސާފް ހޯދައިދިނުމަށް. އާއްމުވެފައިވާ ކޮރަޕްޝަނާ ފަސާދައިން ރާއްޖެ ސަލާމަތް ކުރުމަށް. ރައްޔިތުންގެ ތެރެއިން ނިގުޅައިގަނެފައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށް. ބަރުތައް އެއްކުރެވި ގަޑުބަޑުކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމް އަލުން ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށް،" އިބޫގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބައިތުލްމާލުން ބިލިއަނުން ގެއްލިފައިވާ ފައިސާ ރާއްޖޭގެ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް. މި ރާއްޖޭގައި އިންސާފް ގާއިމް ކުރުމަށް. މާތް ﷲ އިރާދަފުޅާއެކު ދެން މި ރާއްޖޭގައި އޮންނާނީ ރައްޔިތުންނާ ގާތުން އަޑުއަހާ ސަރުކާރެއް. ހަމައާ އިންސާފުން ކަންކުރާނެ ސަރުކާރެއް. ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުން އުފައްދާނެ ސަރުކާރެއް،
އިބޫ


އިބޫ ވިދާޅުވީ އިދިކޮޅުން އުފައްދާނެ ސަރުކާރަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓާ، އިސްލާމް ދީން ހިމާޔަތް ކުރާނެ ސަރުކާރެއް ކަމަށާއި، ރާއްޖޭގައި އެހެން ދީނަކަށް ޖާގަ ނުދޭނެ ސަރުކާރެއް ކަމަށެވެ. އަދި ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ދީނުގެ ހުކުމްތަކަށް ފުރައްސާރަ ކުރަމުން ދުވާނެ ސަރުކާރަކަށް ކޯލިޝަންގެ ސަރުކާރު ނުވާނެ ކަމަށާއި، ބަހާއި އަމަލުން ދީނަށް ނަސްރުދޭނެ ސަރުކާރަކަށް އިއްތިހާދު ސަރުކާރު ވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އަޅުގަނޑުމެން މި އުފައްދަނީ އެއްވެސް އާއިލާއެއް ބާކީ ނުވެ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ސަރުކާރެއް. ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ ވެރިކަމެއް. އަމިއްލަ ރަށުގައި އާއިލާގެ ހިޔާވަހި ކަމުގައި ތިބެގެން ކޮންމެ ކުއްޖަކަށްވެސް ހިލޭ، ޕްރީ ސްކޫލުން ފެށިގެން ޔުނިވާސިޓީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހޯދައިދޭނެ ނިޒާމެއް. ސިޔާސީ ފިކުރަށް، ވަކި ޖިންސަކަށް، ކުޅެދުންތެރިކަމަށް، ވަކި އަތޮޅަކަށް، ވަކި ރަށަކަށް ބެލުމެއް ނެތި ފޯރުކޮށްދޭ ހިދުމަތްތައް، އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދޭނެ އޯގާތެރި ސަރުކާރެއް،
އިބޫ

އިބޫގެ ވާހަކަކޮޅުގެ ފަހުބައިގައި އޭނާގެ ރިޔާސީ ވައުދުތައް ހަނދާން އާކޮށްލެއްވިއެވެ. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބަނދަރު ހެދި، ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ ގައުމު ބިނާކުރުމުގައި ބައިވެރިކުރާނެ ބަޔަކަށް ހެދުމުގެ އިތުރުން ތައުލީމީ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ބަޔަކަށް ހަދާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގަތެވެ. އޭގެ އިތުރުންވެސް މަސްވެރިންނަށް ހައްގު އަގު ލިބޭނެ ކަމަށާއި، އަމިއްލަ ފަރުދީ ފުދުންތެރިން އިތުރުވެ ތަނަވަސް ދިރިއުޅުމަކަށް ރާއްޖޭގެ ރައްޔިތުން ގެންގޮސްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.