ޚަބަރު

އަދުން ހުސެއިންގެ އިންޒާރު ގާސިމަށް: ޖޭޕީ ކޯލީޝަނުގައި ބޭއްވުމާމެދު ރައީސްއަށް ލަފާ އަރުވަން ޖެހިދާނެ

އިބްރާހިމް ޒަކީ

3

ސަރުކާރު ކޯލީޝާންގައި ޖުމްހޫރީ ޕާޓީ ބޭއްވުމާމެދު، އެމްޑީޕީގެ ހިންގާ ކޮމިޓީއާއި ޕާލަމެންޓްރީ ގްރޫޕުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ޖެހިދާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އިންޒާރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭޕީއަށް ނިސްބަތް ކުރައްވައި ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖައްސަން އެހެން ޕާޓީތަކުގެ ވެރިން ކުރާ މަސައްކަތްތައް ހުއްޓައިލުމަށް ގޮވާލައވާ ކަމަށެވެ.

އަދި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 19 މެންބަރުން ތިބިއިރު ދީފައިވާ ސަރުކާރުގެ ހިއްސާ، މިހާރު ހަތަރު މެންބަރުން މަޖިލީހުގައި ތިބުމުން ދޭންޖެހޭތޯ، ރިކޮންސިޑާ ކުރެއްވުމަށް، އެމްޑީޕީގެ ޕާލަމެންޓް ގްރޫޕާއި ކައުންސިލުން ރައިސުލް ޖުމްހޫރިއްޔާއަށް ލަފާ ދޭން ޖެހިދާނެ ކަމަށްވެސް ޖޭޕީއަށް ނިސްބަތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

"މި މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާ ޖައްސަން އެހެން ޕާޓީތަކުގެ ވެރިން ކުރާ މަސައްކަތް ހުއްޓާލައްވާ، މިކަން ކުރެވޭނެކަމަށް ހިތައި އުޅޭ އުޅުމަކީ އެއީ ހަމަ ސީދާ ފޫނެތް ފަޔަށް ފެންފުރުން، އަޅުގަނޑުމެން ތެދުވެ 19 މެންބަރުން (މަޖިލީހުގައި) ތިބިއިރު، ދީފަ އިން ހިއްސާ މި މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ކައުންސިލް މެންބަރުން، ރައީސުލް ޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ޖެހިދާނެ އެ 19 މެންބަރުންގެ ބަދަލުގައި ހަތަރުފަސް މެންބަރުންނަށް (މަޖިލީހުގައި) ވީމާ ސަރުކާރުގައި ދީފައޮތް ހިއްސާ އަޅުގަނޑުމެން ރީކޮންސިޑާ ކުރަން،" ހުސެއިން ޝަހީމު ވިދާޅުވިއެވެ.

ޕޯޑިއަމް ތަކުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ނަޝީދަށް ފާޑު ކިއުއްވާތީ، ހުސެއިން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް ޖައްސަންވެގެން އެންމެ ޕޯޑިއަމެއްހުރި ޕާޓީއެއްގެ ވެރިއަކު ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާ ކަމަށާއި، އެމްޑީޕީގެ 189 އަށްވުރެ ގިނަ ޕޯޑިއަމް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް އަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ދެއްކެވޭނެ މާގިނަ ވާހަކަ ތަކާއި އެ ބޭފުޅުންނަށް ގޮވޭނެ އެއްޗެހި މާ ގިނަ ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދޭތެރެ ޖައްސަން އެންމެ ޕޯޑިއަމެއް ހުރި ޕާޓީއެއްގެ ވެރިއަކު ކުރާ މަސައްކަތް ހަމަ މިހާރުން މިހާރަށް ހުއްޓާލަން އަޅުގަނޑު ގޮވާލަން، އެމްޑީޕީގެ 189 އަކަށްވުރެ ގިނަ ޕޯޑިއަމް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނާނެ، އެހެންވީމާ އެމްޑީޕީން ގޮވޭ އެއްޗެހި މާގިނަ ވާނެ، އެމްޑީޕީގެ ރައީސަށް ގޮވޭނެ އެއްޗެހި މާ ގިނަވާނެ، މި އިއްޒަތްތެރި މަޖިލީހުގެ ރައީސަށް ގޮވޭނެ އެއްޗެހި މާ ގިނަވާނެ، އަޅުގަނޑުމެން ބަލަން ތިބޭކަށް ނެތިން،" ހުސެއިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ޖޭޕީއަށް ދީފައިވާ ހިސްސާއާމެދު ހިތްހަމަނުޖެހޭ ކަމަށާއި އެއީ އެކަށީގެންވާވަރަށްވުރެ ބޮޑު ހިއްސާއެއް ކަމަށެވެ. އެހެންވެ ފަހަތައް ޖެހިވަޑައިގެން ހުންނެވުމަށް ހުސެއިން ގާސިމަށް އިންޒާރު ދެއްވިއެވެ.

"އަޅުގަނޑޫމެން ހިތްހަމަޖެހިގެނެއްނޫން މިތިބެނީ ސަރުކާރުން ދީފައޮތް ހިއްސާއަކީ އެއީ އެކަށީގެންނުވާ ބޮޑު އަދަދެއްގެ ހިއްސާއެއް، އަޅުގަނޑުމެން މި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް މި މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުން ލަފާ އަރުވަން ޖެހިދާނެ، އެެހެންވީމާ ފަހަތަށް ޖެހިވަޑައިގެން އިމުގައި ހުންނަވާށޭ އަޅުގަނޑު ދަންނަވަން،" ހުސެއިން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟