އ.ދ. ގެ މިއަހަރުގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް މިފަހަރު ވަޑައިގެންފައި މިވަނީ ރާއްޖޭގެ އެންމެ އިސްވެރިޔަކު އދ. ގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފާއިތުވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ވަރަށް ބޮޑަށް އެކަހެރިވެފައި ވަނިކޮށެވެ. އެހެންކަމުން މިއީ އެމަނިކުފާނު ރާއްޖޭގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އދ. ގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ އިތުރުން، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވި ދަތުރެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސުލް ޖުމްހުރިއްޔާގެ ތަގުރީރުގައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އަލި އަޅުވާލުމުގެ އިތުރުން ތިމާވެށީގެ މައްސަލަ، އަދި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުގެ ނާޒުކުކަން ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް ގެންނަވައި އެކަމުގެ ނުރައްކާތެރިކަން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް މިންވަރު ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި އެކިއެކި ރަސްމީ އިހްތިފާލުތަކާއި ބައްދަލުވުން ތަކުގައިވެސް ރާއްޖެއިން ވަނީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ވިސްނުމާއި ތަސައްވުރު ބައިނަލްއަގުވާމީ މުޖްތަމައާ ހިއްސާކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އަޑުއުފުލާފައެވެ. އަދި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ބޭނުން އެހެން ގައުމުތަކުން ވެސް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން ތިމާވެށީގެ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ހާމަވެގެންދިޔަ އެއްކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފެނިގެންދިޔަ އެންމެ މުހިންމު ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލުމަށް ރާއްޖެއިން އިއުލާނު ކުރެއްވުމެވެ.
ހަމަ އެއާއެކު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ކަމުގައި އިއުލާނުކުރެވިގެން ދިއުމާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއާ އެޖަމާއަތާ ދެމެދު ސޮއިކުރެވިގެން ދިއުމަކީވެސް ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ފާހަގަވެގެން ދިޔަ ކަމެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމާއި މި ބައްދަލުވުމުގެ ހަވާސާގައި ކުރިޔަށްދިޔަ އެހެން ބައްދަލުވުންތަކުގައި ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މައްސަލަތަކާއި ސަރަހައްދީ އަދި އަދުގެ ދުނިޔޭގައި ރާއްޖެއިން ވެސް އެންމެ އިސްކަންދޭ މައްސަލަތަކާ ބެހޭގޮތުން އަޑުއުފުލާފައެވެ. އެގޮތުން ހަރުކަށި ފިޔަޅާއި ހައްދުފަހަނައަޅާ ދިޔުމާ ގުޅޭގޮތުން "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަގުރީރު ކުރައްވާފައެވެ.
ރައީސުލް ޖުމްހުރިއްޔާ އދ. ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ވަނީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާ ބައިނަލްއަގްވާމީ މުޖުތަމައާ އޮންނަ ގުޅުންތައް އިތުރަށް ބަދަހިވުމަށް ވެސް ވަނީ މަގުފަހިވެގެން ގޮސްފައެވެ. އެގޮތުން ރައީސް ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުންނާއި މަންދޫބުންނާއެކުވެސް ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އ.ދ. ގައި ދިވެހި ގައުމު ތަމްސީލު ކުރެއްވުމަށް މި ކުރެއްވި މުހިންމު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެންނެވި ގޮތަށް ފުރަތަމަ ޒިޔާރަތްކުރެއްވީ މިމަހު މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ.