ކޮރަޕްޝަންގެ މައްސަލައެއްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު އޭނާ ހުންނެވި މަގާމުން ވަކިކޮށް، ޖިނާއީ ދައުވާކުރަން ނިންމައިފިއެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ފާތިމަތު ޝިފާޒާ މިރޭ "ވަން" އަށް ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތެއްގައި އެ މުވައްޒަފު ރަސްމީކޮށް ވަކިކޮށްފައިވަނީ މިއަދު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަދި މިއީ ތަހުގީގު ކުރެވެމުންދާ މައްސަލައެއް ކަމުން ވަޒީފާއިން ވަކިކުރީ ކޮން މަގާމެއްގައި ހުންނެވި ކޮން ބޭފުޅަކު ކަމެއް އަދި އޭނާއަށް ތުހުމަތު ކުރަނީ ކޮންއިރަކު ހިންގި ކޮރަޕްޝަންގެ މައްސަލައެއްކަން ހާމަކުރެވެން ނެތް ކަަމަށް އޮފިޝަލު ވިދާޅުވިއެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އިސް މުވައްޒަފު ވަޒީފާއިން ވަކިކުރީ ކަސްޓަމްސްގެ ޕްރޮސީޖާގެ ތެރެއިން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން އުޅުނު މައްސަލައެއްގައެވެ.
މީޑިއާ އޮފިޝަލު ޝިފާޒާ އިތުރަށް ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުންދާތީ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ.