ޚަބަރު

ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއަކު މަރުވުމުން އެމްބަސީން ހަވާލެއް ނުވި!

ޝަހީދާ އަބްދުﷲ ސައީދު

ޅ. ހިންނަވަރުގައި ގަވައިދާ ހިލާފަށް އުޅުނު ބަންގްލަދޭޝްގެ ރައްޔިތަކު މަރުވުމުން، އޭނާގެ ހަށިގަނޑާ ހަވާލުވާން ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ދެކޮޅު ހަދައިފިއެވެ.

ހިންނަވަރުގައި އުޅުނު ބިދޭސީ މީހާ މަރުވީ ރޭގެ ވަގުތެއްގައި މެއަށް ތަދެއް އަރައިގެން ހިންނަވަރު ސިއްހީ މަރުކަޒަށް ދިއުމުން، އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ފޮނުވައިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމު ''ވަން'' އަށް މިރޭ ވިދާޅުވީ، މިއަދު އިއުއޮއްސި 6:10 އެހާކަންހާއިރު މަރުވި އެ ބަންގްލަދޭޝް މީހާ ނައިފަރު ހޮސްޕިޓަލަށް ދިޔައީ އެކަނި ކަމަށާއި ރެއިން ފެށިގެން އޭނާއަށް ފަރުވާދެމުން ދިޔަ ކަމަށެވެ.

އޭނާ މަރުވުމުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީއަށް އެކަން އެންގި ކަމަށާއި ނަމަވެސް އެ އެމްބަސީން އޭނާއާ ހަވާލުވާން ދެކޮޅު ހެދި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި

ނައިފަރު ޕޮލިސް ސްޓޭޝަނުގެ އިންޗާޖު ވެސް އެމްބަސީއަށް އެ މައުލޫމާތު ދިނުމުން ވެސް އެދެވޭ ޖަވާބެއް ދީފައިނުވާ ކަމަށް ވިދާޅުވިއެވެ.

'...މަރުވީ ހަވީރު ހައެއް ޖެހިއިރު. މަރުވީމަ ބަންގްލަދޭޝްގެ އެމްބަސީއަށް ގުޅާފަ ބުނީމަ ބުނަކީ އެމްބަސީން ހަވާލެއް ނުވާނަމޭ، ގަވައިދާ އެއްގޮތަށް އުޅޭ މީހުންގެ ކަންކަމޭ އެމްބަސީން ބަލަނީ. އާއިލާއަށް އަންގައިދޭށޭ ބުނީމަވެސް އެކަން ވެސް ނުކޮށްދިން. ބުނީ އާއިލާއަށް ނާންގާ ވަޅުލައިގެން ނުވާނެއޭ. ބަންގްލަދޭޝްގެ މީހަކު މެދުވެރިކޮށްގެން ވެސް ވާހަކަ ދެއްކިން، ހަވާލެއްވެސް ނުވި. އާއިލާއަކަށް ވެސް އަންގައެއް ނުދިން،'' ނައިފަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިންނަވަރުގައި ތިބި 50 ވަރަކަށް ބިދޭސީން މިހާރު ނައިފަރަށް އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން މީހަކު މެދުވެރިކޮށް މަރުވި މީހާގެ އާއިލާއަށް އޭނާގެ ވާހަކަ މިހާރު އަންގާފައިވާ ކަމަށެވެ. އަދި މަރުވި މީހާގެ ހަށިގަނޑު މޯޗަރީއަށްލުމަށް، މިހާރު މާލެ ގެނައުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދަށް ގުޅުމުން ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.