ޚަބަރު

ކުއްތާ ސްކޮޑާއި 70 އޮފިސަރުންނާއެކު އައްސޭރި ޖަލުގައި އޮޕަރޭޝަނެއް ހިންގައިފި

ޝަހީދާ އަބްދުﷲ ސައީދު

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ފުލުހުންގެ ކުއްތާ ސްކޮޑް ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހިންމަފުށީގައި ހިންގި އޮޕަރޭޝަންގައި ކުއްތާ ސްކޮޑްގައި ހިމެނޭ އަށް ކުއްތާ އާއި 40 ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 34 އޮފިސަރުން ބައިވެރިވި ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ދެ މޮބައިލް ފޯނާއި މަސްތުވުމަށް ބޭނުންކުރާ އާލާތްތައް ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކުގައި މީގެ ކުރިން ވެސް ކުއްތާ ސްކޮޑް ބޭނުންކުރެއެވެ.

އެގޮތުން މިއަހަރުގެ އާ އަހަރާ ދިމާކޮށް ކުއްތާ ބޭނުންކޮށްގެން މާލެ، ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން މާލޭ ކައިރި ބައެއް ރަށްތަކުގައި ވެސް ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައިފައެވެ.

އަދި މާލޭގައި ހިނގަމުންދިޔަ ސިލްސިލާ މާރާމާރީތަކެއް ހުއްޓުވުމަށް ވެސް ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުއްތާ ބޭނުންކޮށްފައިވެއެވެ.