18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ބޫޓާން ބަލިކޮށް، ރާއްޖެއިން ތިންވަނަ ހޯދައިފި

އަލީ ރިފްޝާން

ރާއްޖޭގެ ޒުވާން ގައުމީ ޓީމުން 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދައިފިއެވެ.

ނޭޕާލުގައި ކުރިއަށްދާ އެ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ވަނީ މިއަދު 1-0ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައެވެ.

އެ މެޗުގައި ރާއްޖެއިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އިމްރާނެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ.

އެ މެޗުގެ ކުރިން ގްރޫޕު ސްޓޭޖުގައި ވެސް ރާއްޖެ އާއި ބޫޓާނުން ވަނީ ވާދަކޮށްފައެވެ. "ގްރޫޕު އޭ"ގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދު ވަނީ އެ މުބާރާތުގެ ފައިނަލް ވެސް ކުޅެފައެވެ. ފައިނަލުގައި 2-1ގެ ނަތީޖާއަކުން ބަންގުލަދޭޝް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިންޑިއާއެވެ. އެ މެޗުގެ ދެވަނަ މިނެޓުގައި އިންޑިއާއަށް ބިކްރަމް ޕްރަތާބް ސިންގް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 38 ވަނަ މިނެޓުގައި ޔޭސިން އަރަފާތު ވަނީ ބަންގުލަދޭޝަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅުގެ ތެރޭގައި އިންޑިއާއަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަވީ ބަހާދުރް ރަނާއެވެ.

މިއީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށި ފަހުން ކުޅުނު ތިންވަނަ މުބާރާތެވެ. ފުރަތަމަ ދެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ނޭޕާލުންނެވެ. ނަމަވެސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައެވެ. އަމިއްލަ ގައުމުގައި ބޭއްވި މިއަހަރުގެ މުބާރާތުގެ ގްރޫޕު ސްޓޭޖު ނޭޕާލަށް ނިންމާލަން ޖެހުނީ ގްރޫޕުގެ ފުލުގައި އޮވެއެވެ. ފުރަތަމަ މެޗުގައި ރާއްޖެ އަތުން އެއްވަރުވި އިރު، ދެވަނަ މެޗުގައި ބޫޓާން އަތުން ނޭޕާލް ވަނީ ބަލިވެފައެވެ. މިއަހަރުގެ މުބާރާތަކީ ރާއްޖެއަށް އެންމެ ކާމިޔާބު މުބާރާތެވެ.