ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެކްސްޕޯ މިއަދު ފަށައިފިއެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިއަދާއި މާދަމާ ދަރުބާރުގޭގައި ބާއްވާ އެ އެކްސްޕޯ ފައްޓަވައިދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ ބިޒްނަސް އެކްސްޕޯގައި ރާއްޖޭގައި ފާހަގަކޮށްލެވޭ 80 ކުންފުނީގެ ސްޓޯލްތައް ވަނީ ބަހައްޓައިފައެވެ.
އަދި މި ސަމިޓްގައި ވިޔަފާރިއާ ގުޅުން ހުރި ހަތަރު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު މެންދުރުފަހު ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓް ބޭއްވިއިރު، މިރޭ އޮންނާނީ ޓެކް ސަމިޓެވެ. އެ ސަމިޓް ކުރިއަށްދާނީ މިރޭ 8:00 އިން 10:00 އަށެވެ.
މާދަމާ އޮންނާނީ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.
މިއަދު ބޭއްވި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓްގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް، އިޔާޒް ވަހީދެވެ. އަދި ދެ ޕެނަލް ޑިސްކަޝަނެއް ވަނީ ބާއްވައިފައެވެ.
މި ޕެނަލްގައި ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށި ޒުވާނުންނާއި ނޫނީ މަޝްހޫރު ވިޔަފާރިތައް ހިންގާ ޒުވާނުން ބައިވެރިވެ، އެފަރާތްތަކުގެ ތަޖުރިބާ ތަކާއި ގޮންޖެހުންތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އިރުޝާދު ހިއްސާ ކޮށްފައިވެއެވެ.
އެ އެކްސްޕޯގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.