ޝަހީދާ އަބްދުﷲ ސައީދު
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީ ބޮޑުން ރާއްޖެއިން ޑީޕޯޓްކުރާއިރު އެ މީހުންނާ ގުޅިފައިވާ މޫތައް ހޯދަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގާނޫނާ ހިލާފަށް އަމަލުކުރަމުން ދިޔަ ބިދޭސީއެއްނަމަ، އޭނާ ފޮނުވާލުމުގެ ކުރިން އެ މީހުންނާ ގުޅުންހުރީ ކޮން ބައެއްތޯ ބަލަން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ބިދޭސީއަކު ރާއްޖެ އައިސް ގިނަ އަހަރުތަކެއް ވަންދެން ވިޔަފާރިކުރާއިރު ދިވެއްސަކު ނުހިމެނި، އެ ވިޔަފާރި ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެ ފުރުސަތު މިހާރު ގެއްލިއްޖެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ތުހުމަތުތައް ކުރެވޭ ބިދޭސީން ޑީޕޯޓްކޮށްލުމުގެ ކުރިން ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައެވެ.
''އާދައިގެ ބިދޭސީއަކު ޑީޕޯޓް ކުރުން މައްސަލައެއް ނޫން، ނަމަވެސް ބޮޑުން ގޮތުގައި ފާހަގަކުރާ މީހުން އެބަޖެހޭ ތަހުގީގުކޮށް ބަލަން ދެން އޭގައި މޫލާފައި ހުރީ ކިހާވަރަށްތޯ ބަލަން.'' މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ދިވެއްސެއްގެ މައްޗަށް ރަޖިސްޓްރީކޮށްގެން ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލު ކުރުމެވެ. އެކަން ހައްލުކުރުމަށް ޝަރުއީ މަރުހަލާއަކަށް ދާންބަލާއިރު ވިޔަފާރި ރަޖިސްޓްރީ އޮންނަނީ ދިވެއްސެއްގެ މައްޗަށް ކަމަށާއި އެހެންކަމުން އެކަން ހައްލުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.