ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމްޓީސީސީން ކުރިޔަށްގެންދާ މަޝްރޫއުތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ގިނަ މަޝްރޫއުތައް އެއްފަހަރާ ބާރު ސްޕީޑްގައި ކުރިޔަށްގެންދެވި ނަމަވެސް މަޝްރޫއުތަކުގެ ފެންވަރު ވަޒަންކޮށް ރަނގަޅަށް މޮނިޓަރކޮށްގެން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ އިސްވެރިން ވަނީ އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވައިފައެވެ. އަދި މަޝްރޫއުތައް ކުރިޔަށް ގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވިއެވެ