ޚަބަރު

ނަރުދޫ، މާއުނގޫދޫ އަދި ޅޮހީގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ފަތޯނާ ފާއިޒު

ށ.ނަރުދޫ އާއި، މާއުނގޫދޫ އަދި ނ.ޅޮހީގެ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާބެހޭ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީ އާއި ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ނ.ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ނަރުދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް 25,540,674.44 ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މާއުނގޫދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 24,960,092.94 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މީގެ އިތުރުން ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 24,948,937.34 ރުފިޔާ ހަރަދުވާނެ ކަމަށާއި، ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމު ކުރުމަށް 16,012,607.87 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގެ ގިނަ މަޝްރޫއުތަކެއް ގައި މިއަދު ސޮއިކޮށްފައި ވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 77 މަޝްރޫއެއް އަލަށް ފަަށައިގެން ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 20 ރަށެއްގެ ކޮންޓްރެކްޓް ހަވާލުކުރައްވާފައިވާ ކަމަށާއި، އިތުރު 14 ރަށެއް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މަދުވެގެން 20 ރަށުގެ އަމަލީ މަސައްކަތް ނޮވެންބަރުގައި ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.