އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އަދި އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާވެސް ބައްދަ؛ުކުރެއްވުމުގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއޯޓަރޒް ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.