މިދިޔަ ހަފުތާގައި ގަވާއިދާ ހިލާފަށް ޕާކު ކުރި 481 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުުލުހުން ބުނެފިއެވެ.
ފުލުހުން ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 21 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށް 481 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. އެގޮތުން ސްޓިކާ ޖަހައިގެން ޖޫރިމަނާގެ ގޮތުގައި 120،250 ރުފިޔާ ލިބޭނެއެވެ.
އޭގެ އިތުރުން އެ މުއްދަތުގެ ތެރޭގައި 196 އުޅަނދެއް ބަލައި ފާސްކޮށް، ލައިސެންސް ނެތް 40 މީހުން ވަނީ ހިފަހައްޓައިފައެވެ. އަދި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 31 މީހަކު ހިފެހެއްޓި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕާކް ކުރާނެ ތަނެއް ހޯދައި ނުދީ، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހަން މި ސަރުކާރުން ކުރިން ނިންމާފައި އޮތް ނަމަވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ހަމައެއް ލަމައެއް ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާން ފެށުމުން ގަވައިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތަކުގައި އަލުން ސްޓްރިކާ ޖަހަން ފެށިއެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ ފުލުހުން އުޅަނދު ފަހަރުގައި ސްޓިކާ ޖަހަމުން ގެންދަނީ ގަވައިދާ ހިލާފަށް ރައްޔިތުންނަށް ދަތިވާ ގޮތަށް ޕާކު ކޮށްފައި ހުންނަަ އުޅަނދު ފަހަރުގައި ކަމަށެވެ.
އެގޮތުން ފުލުހުން ސްޓިކާ ޖަހަމުން ގެންދަނީ، މިސްކިތްތަކަށް ވަދެ ނިކުތުމަށް ދަތިވާގޮތަށް ބަހައްޓާ އުޅަނދު ފަހަރާއި ކަފިހުރަސް ނުވަތަ ދުވާރުމަތީގައި ބަހައްޓާފައި ހުންނަ އުޅަނދު ފަހަރާއި މަގު ނުވަތަ ގޯޅިކަންމަތީގައި ބަހައްޓާފައި ހުންނަ އުޅަނދު ފަހަރާއި ސްކޫލްތަކަށް އަންނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިވާ ގޮތަށް އެ ސަރަހައްދު ތަކުގައި ބަހައްޓާފައި ހުންނަ އުޅަނދު ފަހަރުގައެވެ.
މީގެ އިތުރުން ހޮސްޕިޓަލުތަކަށް ވަދެ ނުކުތުމަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދު ފަހަރާއި ބޭންކުތަކަށް ވަދެ ނުކުތުމަށް ދަތިވާގޮތަށް ހުންނަ އުޅަނދު ފަހަރާއި ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައި ހުންނަ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދު ފަހަރާއި ފުލުހުން ކޯނު ނުވަތަ ބެރިކޭޑް ބަހައްޓާފައި ހުންނަ ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދު ފަހަރާއި ޑަބަލް ލައިން ދަމާފައި ހުންނަ ތަންތަނުގައި ބަހައްޓާ އުޅަނދު ފަހަރުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.