އދ. އިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ތިން މުއާހަދާ އެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެ އިން އަލަށް ބައިވެރިވީ، ހަތިޔާރުގެ ވިޔަފާރިކުރުމާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ "ޔޫއެން އާމްސް ޓްރޭޑް ޓްރީޓީ" އާއި ގޮވާ ފަދަ ތަކެއްޗާއި ގުޅޭ "ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން" އާއި ކުޑަކުދިންނާ ގުޅޭ "ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަންސް އޮފް ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)" ގައި ކަމަށެވެ.
އދ.ގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން މުއާހަދާގެ ލިޔުންތައް އދ.ގެ އޮފީސް އޮފް ލީގަލް އެފެއާޒްއާ ހަވާލު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޔޫއެން އާމް ޓްރޭޑް ޓްރީޓީ އަކީ ގަވައިދާ ހިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރުން ހުއްޓުވުމަށް އެކުލަވާލި ޓްރީޓީއެކެވެ. އަދި "ދަ ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އަކީ ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ދަށުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައެއް ބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ދޭ އޮޕްޝަނަލް ޕްރޮޓޮކޯލެކެވެ. މި ދެ މުއާހަދާގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އަދި ޔޫއެން ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަކީ ހަނގުރާމައާ ނުބެހޭ އާންމުންނަށް ގެއްލުންވާ ގޮތަށް ބޮޑެތި ސަރަހައްދުތަކަށް ގެއްލުންދޭ ބޮމުގެ ބާވަތެއް ކަމަށްވާ "ކްލަސްޓާ ބޮމް"ގެ ވިޔަފާރި ކުރުމާއި ގެންގުޅުން ހުއްޓުވުމަށް އދ.އިން އެކުލަވާލި މުއާހަދާއެކެވެ.
އެ މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ.