މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން، ދުޅަހެޔޮ ހިތެއްގެ ވެރިއަކަށް ވުމަށް ބާރު އަޅައިދޭނެ ތަފާތު މެސެޖުތަކާއެކު ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފިއެވެ.
އެ ވައިބަރ ސްޓިކަރ ޕެކްގައި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންކަން ވަނީ ހިމަނައިފައެެވެ.
އެގޮތުން ސްޓިކާތަކާއެކު ބޭނުންކޮށްފައިވާ މެސެޖްތަކުގެ ތެރޭގައި "ދުވާލަކަށް 30 މިނެޓު ކަސްރަތު"، "ދުވާލަކަށް ސައިސަމުސަލަށްވުރެ މަދުން ލޮނު"، "ދުންފަތުގެ ދުމުން ހިތަށް އަނިޔާ ނުކުރޭ"، "މަގޭ ހިތް، ތިބާގެ ހިތް" މިފަދަ ބަސްތައް ހިމެނެއެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅުތެއްގެ ސިއްހީ މަރުކަޒު ތަކާއި ހޮސްޕިޓަލު ތަކުގައި ވެސް ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެެވެ.
އެ އެޖެންސީން ބުނީ، މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން ހާސިލު ކުރުމަށް އަމާޒުކުރާ އެންމެ މުހިންމު ކަމަކީ ހިތަށް ގެއްލުންވާ ކަންކަމުން ދުރުވެ، ހިތުގެ ދުޅަހެޔޮ ކަމަށް ތިމާ އާއި އާއިލާއަށް، ކެއިން ބުއިމާއި ކަސްރަތުގެ ތެރެއިން ކުރެވޭނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިއާރަކީ "މަގޭ ހިތް، ތިބާގެ ހިތް" މިއެވެ.