ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހިތާއި ލޭނާރުގެ ބަލިތަކުގައި މަރުވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ބައިނަލްއަގްވާމީ ހިތުގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އާބާދީގެ މިހާރުގެ ހާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓް މީހުންނަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުން ކަމަށެވެ. އޭގެތެރޭގައި 36 ޕަސަންޓެއް ހިއްސާ ކުރަނީ ހިތާއި ލޭނާރުގެ ބަލިތަކެވެ.
އަދި 17 ޕަސަންޓަކީ ކެންސަރު ބަލީގެ ޝިކާރައަކަށްވާ މީހުން ކަމަށާއި ނުވަ ޕަސަންޓް ހިއްސާ ކުރަނީ ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އެ އެޖެންސީން ބުނީ، މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކަށް ބަލާއިރު، އެފަދަ ބަލިތައް ޖެހޭ މީހުންގެ 42 ޕަސަންޓް ފިރިހެނުން އަދި ތިން ޕަސަންޓް އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަަމަށެވެ.
"59 ޕަސަންޓް ފިރިހެނުން އަދި 80 ޕަސަންޓް އަންހެނުންނަކީ އެކަށީގެންވާ މިނަވަރަށް ހެލިފެލިވެ ކަސްރަތު ނުކުރާ މީހުންނެވެ. 49 ޕަސަންޓް ފިރިހެނުން އަދި 60 ޕަސަންޓް އަންހެނުންނަކީ އިސްކޮޅާ އަޅާކިޔާއިރު ހުންނަންވާ ވަރަށް ވުރެ ބަރުދަން އިތުރު މީހުންނެވެ. 35 ޕަސަންޓް ފިރިހެނުން އަދި 49 ޕަސަންޓް އަންހެނުންނަކީ ފަލަ މީހުންނެވެ. 2.3 ޕަސަންޓް ފިރިހެނުން އަދި 4.3 ޕަސަންޓް އަންހެނުންނަކީ ލޭ މައްޗަށްދާ ބަލި ހުންނަ މީހުންނެވެ." އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ގައިން ގަޔަށްނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް އެފަދަ ބަލިތަކާ ރައްޓެހި އާދަތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކާ ސަރުކާރުން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދުނިޔޭގެ ފެންވަރުގައި ކަނޑައެޅިފައިވާ އަމާޒުތަކާއި ގުޅުވައިގެން، އެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ގައުމީ ޕްލޭނެއް އެކުލަވާލައި 2016 އިން ފެށިގެން ތަންފީޒު ކުރަމުން އަންނަ ކަަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި އެ މަސައްކަތް ހަލުވިކޮށް ހަރުދަނާ ކުރުމަށްޓަކައި، އެ ޕްލޭން މިއަހަރު މުރާޖައާ ކުރެވޭނެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، އެ މަސައްކަތާގުޅޭ ހޭލުންތެރިކުރުމުގެ ބަޔާއި ހެލްތު ސްކްރީނިންގެ ބައި ހިމަނައިގެން ގައިންގަޔަށް ނާރާ ބަލިތައް 2025 އާއި ހަމައަށްދާއިރު %25 އަށް ދައްކުރުމުގެ މައިގަނޑު އަމާޒުގައި "25 އަށް 25" ގެ ނަމުގައި މިދިޔަ އަހަރު ފެށި ގައުމީ ކެމްޕެއިން މި އަހަރާ މި އަންނަ އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެތެރޭގައި އެޗްޕީއޭއިން ސީދާ ހިންގާ ހަރަކާތްތަކާއި އެހެން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ހިންގާ ހަރަކާތްތައް ހިމެނެއެވެ.