ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއްކުރަން، ޕީޖީ އޮފީހުން ފޮނުވައިފި

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ މައްޗަށް ހަތް ދައުވާއެއް ކުރަން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ހިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން އަދީބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލަ ތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި އެ އިންވެސްޓިގޭޝަނަށްފަހު، އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިމަހުގެ 21 ގައި ފުލުހުން އެ މައްސަަލަ ޕީޖީއަށް ހުށަހެޅި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ ފުލުހުން ހުށަހަޅާފައިވާ އެމައްސަލައާ ގުޅިގެން ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީން ހިންގި ތިން ބިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއްގައި މީގެ ކުރިން ވެސް އަދީބުގެ މައްޗަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އެ ހުކުމް ބާތިލް ކުރުމާ ގުޅިގެން ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އަށް އަހަރުގެ އެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ހިޔާނާތްތެރިވި މައްސަލައިގައި އިއްވި ހުކުމެވެ.

ދައުލަތުން ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު އޭނާ މިހާރު ގެންދަވަނީ ޅ. މާބިން ހުރާ މައްސަލަ ދައުލަތުން އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ރާއްޖެއިން ބޭރަށް ފިއްލަވައި ވަޑައިގެންނެވި މައްސަލައިގައި ގާނޫނު ތަންފީޒު ކުރަން ހުރަސްއެޅިކަމުގެ ކުށުގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.