ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފ.ނިލަންދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.
ނިލަންދުއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ.
މީގެއިތުރުން މިސްކިތްތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ މާލީ ދަތިކަން އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި އެ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރެއްވިއެވެ.
ނިލަންދުއަކީ އެކި ހިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ރަށެއްކަން ފާހަގަކުރައްވާ، ކައުންސިލަރުންވަނީ އެ ރަށުގައި ވައިގެ ބަނދަރެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި އޭގެ ތެރެއިންވެސް، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނިލަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ކައުންސިލްތަކުން އިތުރަށް ޒިންމާދާރުވާން ކުރެވެން ހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އެދިވަޑައިގެންފައި ވެއެވެ.