ޚަބަރު

ކޮޅުވެއްޓިއެއްގެ ބައެއްގައި ޖެހި އެކްސިޑެންޓްވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ކޮޅުވެއްޓިއެއްގެ ދަގަނޑު ބައެއްގައި ޖެހި ޒަހަމުވި ބިދޭސީއަކު މަރުވެއްޖެއެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ ކޮޅުވެއްޓި އެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ޒަހަމްވި ބިދޭސީއަކަށް އެހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ މިއަދު ހެނދުނު 8:50 ހާއިރު ކަމަށެވެ.

އދ. ތުނޑުފުށި އައިލެންޑް ރިސޯޓްގައި އޮތް ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކަށް އަނިޔާވެފައިވަނީ، އެ ކޮޅުވެއްޓީގެ ރޭމްޕް ހިއްލުމަށް ޗެއިން ބްލޮކް ބޭނުން ކުރި އިރު، އޭގެ އެއް ފަޅި ފެއިލްވެގެންނެވެ. އެވަގުތު އެމީހުން ތިބީ ރޭމްޕް މަތީގައި ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ އިރުއޮއްސި 6:45 ހާއިރު ހިނގި އެ ހާދިސާގައި ތިން މީހުން ވިއްސައިގެން ގޮސް ކޮޅުވެއްޓީގެ ދަގަނޑު ބައިގައި ޖެހުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެކަކުގެ އިނގިލިތައް ޗިސްވެ، އަނެއް ދެ މީހުންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ބޮލަށް އަނިޔާ ލިބުނު ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް އެކަކު މިއަދު މަރުވި އިރު، ދެވަނަ މީހާ މިއަދު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

ތިން ބިދޭސީންނަށްވެސް ފުރަތަމަ ފަރުވާ ދިނީ އދ. އަތޮޅު ހޮސްޕިޓަލުންނެވެ.