މިއަހަރުގެ ޖެނުއަރީމަހުގެ 31 ގައި އެއްބަސްވުން ބާތިލްކުރި، އައްޑޫ ސިޓީ ހަންކެޑެ އާމެދު ގޮތެއް ނިންމުމަށް، އަންގާރަ ދުވަހު އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ހަންކެޑެ ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން މިއަހަރުގެ ޖެނުއަރީ 31 ގައި ބާތިލް ކުރީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އެތަން ދޫކޮށް 15 އަހަރު ވީއިރުވެސް ޓޫރިޒަމްގެ އެއްވެސް މަސައްކަތެއް ހިންގާފައި ނުވާތީއެވެ.
މީގެކުރިން އަލީ ވަހީދު ވިދާޅުވީ، ހަންކެޑެ ގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދެން ހުޅުވާލާނީ އއެންވަޔަރަމެންޓް އަދި އިކޮނޮމިކް އެސެސްމެންޓަށް ފަހު ކަމަށެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވީ، ހަނަކެޑެއާމެދު ގޮތެއް ނިންމުމުގައި އައްޑޫ ސިޓީގެ ރައްޔިތުން އިންތިހާބު ކުރި މަންދޫމުގެ ހިޔާލާ ވިސްނުމާ އެއްގޮތްވާގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަަރުވާނެ ކަމަށެވެ.
އަދި އެކަމާމެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު، މިއަންނަ އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހުގެރޭ ކްރޮސްރޯޑްސްގައި އޮންނަ ޓޫރިޒަމް ދުވަހާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާއިރު އެކަންކަމުގައި ގޮތެއް ނިންމަވައި އިއުލާނު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަންކެޑެގެ އެއްބަސްވުން ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ މަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެތަން އެއްވެސް ވަރަކަށް ތަރައްގީ ކޮށްފައި ނުވާތީ އާއި އެ ބިމުން ސަރުކާރަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް މަންފާއެއް ލިބެމުން ނުދާތީ އެ މަސައްކަތް ހަވާލުކޮށްފައިވާ، ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލުކުރާ ކަމަށެވެ.
ހަންކެޑޭގައި 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން، 2005 ވަނަ އަހަރު ސަރުކާރުން އެންމެ ފުރަތަމަ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދިއުމުން އެ ކުންފުނި ޖޫރިމަނާކުރުމަށްފަހު އެ މަސައްކަތް ހާފްޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލު ކުރި އެވެ. ދެން ވެސް އެ މަސައްކަތް ކުރިއަށް ނުދިއުމުން، އެ ކުންފުންޏާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރި އެވެ.