ޚަބަރު

ރައީސްގެ ވައުދުފުޅުގެ ދަށުން އައްޑޫ ސިޓީގައި 4000 ޓޫރިސްޓް އެނދު ތަރައްގީކުރަން އޮކްޓޫބަރުގައި ހުޅުވާލަނީ

އާނިފާ ހުސެއިން ސިރާޖް

އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާ ކުރެއްވުމަށް، އެ ސިޓީގައި 8،000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ މަޝްރޫއެއް ފެށުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުޅެކެވެ.

އެ ވައުދު ފުޅުގެ ދަށުން އައްޑޫ ސިޓީގައި ގާއިމް ކުރާ ފުރަތަމަ 4،000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ އެއްބަސް ވުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ސިޓީކައުންސިލުން މިއަދު ވަނީ ސޮއި ކޮށްފައެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ، 4،000 ޓޫރިސްޓް އެނދު ތަރައްގީ ގުރުމުގެ މަޝްރޫއުގެ ދަށުން، ސިޓީ ހޮޓަލާއި ގެސްޓްހައުސް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހު އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.

ސޯދިދު ވިދާޅުވީ އައްޑޫ ސިޓީގައި، ސިޓީ ހޮޓަލާއި ގެސްޓްހައުސް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހު އެ ފުރުސަތު ހުޅުވާލާއިރު، އެ ސަރަހައްދުތަށް ތަރައްގީ ކުރާނެ ގޮތުގެ ކޮންސެޕްޓް އެކުލަވާލައި، އެތަންތަން ލޭންޑްސްކޭޕް ކުރުމަށާއި އެކަމާ ގުޅިގެން ބީޗް ތަރައްގީ ކުރުންފަދަ މަޝްރޫއުތަކުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބައި ހެކްޓަރުން ފެށިގެން ތިނެއް ބައި ހެކްޓަރާ ދެމެދުގެ ބިން ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެ މަޝްރޫއަށް ބިން ދޫކުރުމަށް އައްޑޫސިޓީގެ އެކި އަވަށްތަކުން ހަ ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މިހާރު އޮތް ގަވާއިދުގެ ދަށުން، ގެސްޓް ހައުސްއަށް ދޫކުރުމަށް ހަމަޖައްސާފައި ވަނީ 5000 އަކަފޫޓުގެ ބިން ކަމަށާއި ސިޓީ ހޮޓަލަކަށް ދޫކުރަނީ 10،000 އަކަފޫޓުގެ ބިން ކަމަށް މޭޔަރު ވިދާޅުވިއެވެ.