ޚަބަރު

ދުނިޔޭގެ ހިތުގެ ދުވަސް: ގާޒީ ސްކޫލްގެ ކޮރިޑޯއަށް ތަފާތު ބަދަލެއް

ފަތޯނާ ފާއިޒު

1

ސްކޫލްގައި ފައިދާހުރި ގޮތެއްގައި ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރެވޭ ފަދަ ކަންތައްތަކެއް ކުރުމުގެ މަގްސަދުގައި ގާޒީ ސްކޫލްގައި ހެދި "ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާރޓީ ބްރޭކްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.

މި ހަރަކާތަކީ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. އެގޮތުން، މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގައި އިފްތިތާހު ކުރި މި ހަރަކާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ފަސްޓްލޭޑީ ފަޒްނާ ވަނީ ޓައިނީ ހާޓްސް މޯލްޑިވްސް ފަދަ މުހިންމު ޖަމިއްޔާއަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިފަދަ މަސައްކަތްތަކެއް ކުރައްވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮއްލުމުގެ ފުރުސަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެ ހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަރިވަރުންނަށް ދަސްވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟