ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގްވާމީ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުން ފައިމަގުގައި މަސައްކަތަށް ނުކުމެއްޖެއެވެ.
މަސައްކަތަށް ނުކުތް އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންވެސް މިއަދު ލީ ރަތްކުލައިގެ ފޭރާމެވެ. އެ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ މަސައްކަތް ފެށީ ސިއްހަތަށް ފައިދާހުރި ނާސްތާއަކާވެސް އެކީގައެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން ފައިމަގުގައި އޮފީހަށް ނުކުތީ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކުރުވައި، މަސައްކަތުގެ މާހައުލުގައިވެސް ދުޅަހެޔޮ ކަމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި އައިޖީއެމްއެޗްގައި މިއަދު ހެނދުނު ހާއްސަ އެސެމްބްލީއެއްވެސް ބާއްވާފައިވެއެވެ. އެ އެސެމްބްލީގައި އެހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމް ވަނީ ބަލި މީހުންނަށް ހިދުމަތްކުރުމުގެ ތެރެއިންވެސް އަމިއްލަ ނަފްސާއި، އާއިލާގެ ދުޅަހެޔޮ ކަމަށް ވަގުތު ހުސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ހިތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ނިންމާލައިފައިވަނީ ދުވަހާ ގުޅިގެން އައިޖީއެމްއެޗްގެ މުވައްޒަފުން އެކުލަވައިލި ޕްލެޖްގައި ސޮއިކުރުމަށްފަހުއެވެ. އެ ޕްލެޖް ހާއްސަ ކޮށްފައިވަނީ ދުނިޔޭގެ ހިތުގެ ދުވަހުގެ މިއަހަރުގެ ޝިއާރަށެވެ. އެއީ "މައި ހާޓް، ޔުއަރ ހާޓް" ނުވަތަ "އަހަރެންގެ ހިތް، ތިބާގެ ހިތް"އެވެ.