މިއަހަރުގެ ޖުލައި އަދި ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކާ އަޅާ ބަލާއިރު، މިދިޔަ އޮގަސްޓް މަހު ހުށަހެޅުނު މައްސަލަތަށް މަދުވެއްޖެ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީއިން ބުނީ މިދިޔަ މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 168 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށާއި، މިއީ ޖުލައި މަހު ހުށަހެޅުނު ޖުމުލަ މައްސަލައަށް ވުރެ 21 އިންސައްތަ މަދު އަދަދެއް އަދި ޖޫން މަހު ހުށަހެޅުނު ޖުމުލަ މައްސަލައަށް ވުރެ 30 އިންސައްތަ މަދު އަދަދެއް ކަމަށެވެ.
މިނިސްޓްރީއިން މިއަދު އާންމު ކުރި އެ މިނިސްޓްރީގެ އޮގަސްޓް މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި އެ މިނިސްޓްރީއަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ގޮތުންނެވެ.
ޖެންޑާ މިނިސްޓްރީއިން މިއަދު އާންމުކޮށްފައިވާ އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 23 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 8 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ދެ މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލަ ހިމެނޭ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ދެ މައްސަލައާއި، އާއިލީ 14 މައްސަލައައި، ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލައާއި، ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި ހަތަރު މައްސަލައާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލައިގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.