ދީނީ ގޮތުން ހައްދު ފަހަނަ އަޅައި ދިއުމާ ދެކޮޅަށް ވާހަކަ ދައްކަވާތީ، އޭނާއާ ދިމާކޮށް ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށް އައްޝެއިހު މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުރެއްވި ޓްވީޓްތަކެއްގައި އަނީލް ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމާއި ދެކޮޅަށް ވާހަކަ ދައްކާތީ މަގުމަތިންނާއި މިސްކިތް ދޮށުން ދިމާކޮށް ފުރައްސާރަ ކުރުމާއި، ސޯޝަލްމީޑިއާ މެދުވެރިކޮށް އިންޒާރު ދިނުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.
"ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމާއި ދެކޮޅަށް އަޅުގަނޑު ދައްކާ ވާހަކަތަކާ ގުޅިގެން މަގުމަތިންނާއި މިސްކިތް ދޮށުން ދިމާކޮށް ފުރައްސާރަ ކުރުމާއި، ސޯޝަލްމީޑިއާ މެދުވެރިކޮށް އިންޒާރު ދިނުމަކީ ތަކުރާރުކޮށް ކުރިމަތިވަމުންދާ ކަންތައްތަކެއް. ފަހަކަށް އައިސް މިކަން އިތުރުވެފައިވޭ." ޝެއިހު ވިދާޅުވިއެވެ.
ޝެއިހު ވިދާޅުވީ އޭނާއަށް އުނދަގޫ ކުރަމުން އަންނަ މީހުން، އިއްޔެ އޭނާ އަސުރު ނަމާދަށްފަހު މިސްކިތުން ނުކުމެވަޑައިގެންވިއިރު، ފައިވާނުގެ ވަދުވެސް ކަނޑާލާފައި ހުރި ކަމަށެވެ. އަދި އެކަން ކުރީ މިސްކިތަށް ވަދެ، ވަކި ޖަމާއަތެއް ހަދައިގެން ނަމާދު ކުރި ބަޔަކު ކަަމަށްވެސް ޝެއިހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފާރުތަކުގައި ކުރެހުމާއި މިސްކިތްތަކުގައި ހުންނަ ފޮތްތަކާއި ޒިކުރު ޕޯސްޓަރުތަކުގައި ހުންނަ ދައުލަތުގެ ނިޝާން ކަނޑާލުމާއި ކަލަންޑަރުތަކުގައި ކުރެހުމާއި މިސްކިތްތަކުގައި ހުންނަ ޤުރުއާން ތަރުޖަމާ ފަދަ ތަކެތި ވަގަށް ނެގުން ފަދަ ކަންތައްތަކަކީ އެފަދަ އަމަލުތައް ކުރާ މީހުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމުގެ ފިކުރު ފަތުރައި ފުރާވަރުގެ ކުދިން ގޮވައިގެން ރޭގަނޑު އިޝާ ފަހުން ނުވަގަޑިބައި ދިހައެއް ޖަހާއިރު މިސްކިތްތަކުގައި އެ ބަޔަކު ތިބޭކަން އައްޑޫގެ ގިނަ ރަށްރަށުގެ މިސްކިތްތަކަށް އަރާމީހުންނަށް އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
"މިކަންތަކާއި ގުޅިގެން، އަދުގެ ސަރުކާރާއި ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން." ޝެއިހު ވިދާޅުވިއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދައްކަވާތީ މީހުންގެ ފުރައްސާރައާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ޝެއިހު މުހައްމަދު އަނީލް ވިދާޅުވިއިރު، ނިރުބަވެރި ފިކުރާ ދެކޮޅަށް ދާދި ފަހުން ދެއްވި ދަރުހެއްގައި ސުވާލު ކުރަން އާންމުންނަށް ހުޅުވައިލި ފުރުސަތެއްގައި ޝެއިހު އަނީލްއަށް ބަހުގެ ހަމަލާތަކެއްވެސް އަމާޒުވެފައިވެއެވެ.