އިބްރާހިމް ޒަކީ
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓް އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި އޮންނާނީ ހަމައެކަނި އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، މި ބިލަށް މަޖިލިސް މެންބަރުން ހުށަޅަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް މިއަދު މެންދުރު 12:00 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
މި ބިލު ކޮމިޓީން ދިރާސާ ކުރަމުންދިޔައިރު ބިލަށް އާއްމުންގެ ފަރާތުން ބޭނުންވާ ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ކޮމިޓީން ހުޅުވައިލެއްވިއެވެ.
މާދަމާ 10:00 ގައި ފަށާ މި ޖަލްސާގައި ދެގަޑިއެއްހާއިރު މެންބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު ދެއްވުމަށްފަހު، ވޯޓަށް އަހާ ގަޑީގައި ބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ވޯޓަށް އެއްސެވުމަށްފަހު ބިލު ފާސްކުރަން ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަންޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
ރިލްވާންގެ މަރުގެ މައްސަލައާބެހޭގޮތުން މިމަހު ނުވަ ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.