ހދ.ކުޅުދުއްފުށި އެއަރޕޯޓުގެ މަސައްކަތް ނުނިމި ލަސްވަނީ އެ ސަރަހައްދުގައި ހުރި ތިން ގެއެއް ކޯޓު މަރުހަލާގައި އުޅޭތީ ކަމަށް އެ މަޝްރޫއު އާ ހަވާލުވެފައިވާ އެމްޓީސީސީ އިން ބުނެފިއެވެ.
ކުންފުނީގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޓީސީސީގެ އުތުރު އަތޮޅުތަކުގެ ސީނިއަރ ޕްރިޖެކްޓް މެނޭޖަރ ވިދާޅުވީ ކުޅުދުއްފުށީގެ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނީ ފެންސް ޖެހުމުގެ މަސައްކަތުގެ ތެރެއިން، ފެންސުތަށް އެ ސަރަހައްދުގައި ހުރި އާންމުންގެ ތިން ގެއަކަށް އަރާތީ އެ ގެތަކުގެ މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭތީ ކަމުގައެވެ.
ކުޅުދުއްފުށި އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތަރު ޕްރޮޖެކްޓެއްގެ ދަށުންކަން ފާހަގަކުރައްވައި ޕްރޮޖެކްޓް މެނޭޖަރ ވިދާޅުވީ ރިކްލެމޭޝަން އާއި އެއަރޕޯޓުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްކޮން ނިމިފައި ކަމަށެވެ. އެގޮތުން ފެންސް ޖެހުމާއި އެއަރޕޯޓު ސަރަހައްދަށް އަރާ ގެތަށް ތަޅާލުމުގެ ޕްރޮޖެކްޓުން ގާތްގަނޑަށް ނުނިމި އިނީ 10 އިންސައްތަ ކަންވެސް ފާހަގަކުރެއްވިއެވެ.
ފެންސް ޖެހުމާއި ގެތަށް ތަޅާލުމަކީ ދެ މަސައްކަތް އެކަތި އަނެކައްޗާ ގުޅިގެން އަންނަ ޕްރޮޖެކްޓެއްކަން ފާހަގަކޮށް، އެއަރޕޯޓުގެ މަސައްކަތް ނުނިމި ލަސްވަނީ، ގެތަކުގެ މައްސަލަ ނުނިމި ކޯޓު މަރުހަލާގައި އުޅޭތީ ފެންސް ވޯލް އެއްކޮށް ނުނިންމިގެން ކަމަށް ޕްރޮޖެކްޓް މެނޭޖަރ ވިދާޅުވިއެވެ.
އަދި މި ގެ ތަކުގެ މައްސަލަ ނިމުނުހާ އަވަހަކަށް އެމްޓީސީސީ އިން ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.