ޚަބަރު

ރާއްޖޭގެ ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ޑްރައިވިންގ ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ފަދަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމާއި ގުޅޭ ގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މަޝްވަރާ ކުރައްވައިފި އެވެ.

ކެނެޑާގެ މޮންޓްރިއާލްގައި މިހާރު ކުރިއަށްދާ އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިއުޗުއަލް ރެކޮގްނިޝަން އެގްރީމެއޓެއްގައި ސޮއި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށް ވަރަށް އަވަހަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއި ކުރައްވާނެކަން ހާމަކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭއިރު ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމަށް ދޫކުރާ ލައިސަންސަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ލައިސަންސަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިމަހުގެ ކުރީކޮޅު ބުނެފައެވެ.

މެލޭޝިޔާގައި، ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް ބޭނުންކުރުމުގެ އުސޫލަށް ގެނައި ބަދަލަކާއި ގުޅިގެން ދިވެހި ލައިސަންސް ބަލައިގަތުން އެގައުމުން ހުއްޓާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އެދުވަހު ނެރުނު ބަޔާނެއްގައި ވަނީ މެލޭޝިޔާގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސަންސް ނަގައިގެން އުޅަނދު ފަހަރު ދުއްވޭނެ ކަމަށާއި، އިންޓަނޭޝަނަލް ލައިސަންސް އޮންނަ ފަރާތްތަކަށް ވެސް މެލޭޝިއާގައި ދުއްވޭނެ ކަމަށް ބުނެފައެވެ. އަދި އެބަދަލަކީ ވަކި ގައުމަކަށް ގެނައި ބަދަލެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ދިވެހި ދަރިވަރުން މެލޭޝިއާގައި ހަދާ އޭވިއޭޝަން ދާއިރާ އާއި ގުޅުން ހުރި ކޯސްތަކަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ.

އަދި މެލޭޝިއަން އޭވިއޭޝަން އެކަޑެމީ ގައި އޭޓީސީ ޓްރެއިނިންގެ އިތުރު ފުރުސަތުތައް ދިވެހިންނަށް ހޯއްދަވައި ދެއްވާނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އާއި އެއްގަމު ދަތުރު ފަތުރާއި ގުޅޭ ގޮތުން އިތުރަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ.