ރާއްޖޭގައި ކުރާ ކޮންމެ އިގްތިސާދީ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ޒުވާނުންނަށް އަދި ވަކިން ހާއްސަކޮށް ދިވެހި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ލިބުންކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އަދި ސަރުކާރުގެ އިދާރާތައް ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައި ވެއެވެ.
މި ޖޮބް ފެއާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ މިއީ ފެށުމެއްކަމަށާއި ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް އިތުރުވެގެންދާތަން ފެނިގެންދާނެކަމަށެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ތިން ދުވަހުގެ ނިޔަލަށް ފަރުކޮޅު ފުށީގައި ކުރިޔަށްދާ މި ޖޮބްފެއާއަކީ ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ފެއާއެކެވެ.
އެގޮތުން މި ފެއާގެ ތެރެއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެއެވެ.