ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ބައްލަވައިލައްވައިފި

ދާދި ފަހުން މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިލައްވައިފައެވެ.

ނައިބު ރައީސް މިރޭ ދަރުބާރުގެއަށް ކުރެއްވި ޒިޔާރަތުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެތަނުގައި ގާއިމުކޮށްފައިވާ ވަގުތީ ސެންޓަރުގައި އެހީގެ ތަކެތި ބަލައިގަތުމާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.

އޭގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުންނާއި އަދި އެހެނިހެން އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރުމަވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ނައިބު ރައީސް ފައިސަލް ޝުކުރު އަދާކުރެއްވިއެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލު ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 400 މީހުން ހާލުގައި ޖެހުނެވެ.

އެ ހާދިސާގައި ހަ އިމާރާތެއް އެއްކޮށް އަނދާ ހުލިވެފައިވާ އިރު، ހަތަރު ގުދަނެއްވެސް ވަނީ އަނދާ ހުލިވެފައެވެ. އޭގެ އިތުރުން 24 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި އެ ހާދިސާގައި ގެއްލުންވި ހ. ރަދުވާނިއާގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ، 46 އަހަރުގެ އައިޝަތު ޝައުނާ، އަލިފާނުގެ ހާދިސާގައި ގޭތެރޭގައި ތާށިވެ، ވަނީ ނިޔާވެފައެވެ.