ޚަބަރު

މި ސަރުކާރުގެ ދުވެލި އުޅެނީ 30 ޕަސަންޓް ކުރީގައި، މިއަށްވުރެ ދުވެލި ބާރުކޮށްފިއްޔާ ބޮލާލައި ވެއްޓޭނެ: ފައްޔާޒު

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ސަރުކާރުގެ ދުވެއްޔަށް ވުރެ މި ސަރުކާރުގެ ދުވެލި އުޅެނީ 30 ޕަސެންޓް ކުރީގައި ކަމަށާއި ސަރުކާރުގެ ދުވެލި މިހާރަށްވުރެ ބާރުކޮށްފިނަމަ، ބޮލާލައި ވެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން ''ފަލަ ސުރުހީ'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ފާއިތުވެ ދިޔަ ތިން ދައުރާއި އަޅައި ބަލާނަމަ މިސަރުކާރުގެ ފުރަތަމަ އަހަރުގެ ދުވެލި އުޅެނީ ކުރީގެ ސަރުކާރުތަކާ އަޅައިބަލާއިރު 30 ޕަސެންޓް ކުރީގައި ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވާހާ ބާރު މިނުގައި ކަންކަން ނުކުރެވޭނެ ކަމަށާއި ނަމަވެސް މިހާރުވެސް ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ.

''މިއަށްވުރެ ބާރަށް އަޅުގަނޑުމެން ދުވެލި ބާރުކޮށްފިއްޔާ ބޮލާލައި ވެއްޓޭނެ ކަމަށް އަޅުގަނޑު ދެކެނީ. ރައީސް ޔާމީންގެ ފަހު ދެ އަހަރަކީ އިލެކްޝަނުގެ ބޭނުމަށްޓަކައި ވަރަށްގިނަ އިންފްރާސްޓްރަކްޗާގެ ވަރަށް ގިނަ މަސައްކަތް ހިންގި ދުވަސްވަރެއް. ރައީސް ޔާމީންވެސް 2014 ގައި ވެރިކަމާ ހަވާލުވެވަޑައިގެންދިޔަ ފުރަތަމަ އަހަރުގައި އަޅުގަނޑުމެންނަށްވުރެ މާ ސްލޯވާނެ. ވޭތުވެދިޔަ ދިން ތިން ރިޔާސީ ދައުވާ އަޅައިބަލާއިރު މިއަދުވެސް އަޅުގަނޑުމެން މި އެވޯޑްކުރާ ޕްރޮޖެކްޓްތަކާއި އަދި މަސައްކަތް ހިނގާފައި ހުރި ވަރަށް ބެލިޔަސް އަޅުގަނޑުމެން މިތިބީ 30 ޕަސެންޓް ކުރީގައި،'' ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިސަރުކާރުން ކަންކަން ކުރާނީ ޕްލޭންކޮށްގެން ކަމަށާއި ޓުވިޓާގައި މީހަކު ކޮމެންޓެއްކޮށްލުމުން ތެޅިފޮޅިގަނެގެން ކަންކަން ނުކުރައްވާނެ ކަމަށެވެ. އަދި މިސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ނޫން ކަމަށާއި މިހާރު މަސައްކަތް ފަށާފައި ހުރީ ރަނގަޅު ހިސާބަކަށް ދެވުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި ކޮންޓެކްޓަރާ މަސައްކަތް ހަވާލުކުރުމަށްފަހު މަސައްކަތް ފަށައިގަތުމަށް ވެސް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތައް ބާރު ދުވެލީގައި ފެށިގެންދާއިރު އެމަންޒަރު ރައްޔިތުންގެ ލޮލަށް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި އުމްރާނީ މަސައްކަތްތަކުގެ އިތުރުން ސަރުކާރުގެ ހުރިހާ ދިމާއަކުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަމަލުކުރަމުންދާ ސިޔާސަތުތަކާއި ރެގިއުލޭޝަންތައް ބަދަލުކުރަމުންދާ ކަމަށެވެ. އެހެންކަމުން ބިޔަ މަޝްރޫއުތައް ހިންގާތަން ކޮންމެ ދުވަހަކު ލޮލަށް ނުފެނުމަކީ ސަރުކާރު ދުވެލި މަޑުވުން ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވިއެވެ.