ޚަބަރު

އަންހެނަކު ފާހަނައިގައި ހުއްޓައި، ވީޑިއޯ ކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ "ފިލައިފި"

ހދ. ނެއްލައިދޫގައި އަންހެނަކު ފާހަނައިގައި ހުއްޓައި، ވީޑިއޯ ކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ، ފުލުހުން ދިއުމުގެ ކުރިން އެ ރަށުން ފުރައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އަންހެނަކު ފާހަނައިގައި ހުއްޓައި، މީހަކު ވީޑިއޯ ކުރި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރަށަށް ދިޔަ އިރު، ތުހުމަތުކުރެވޭ މީހާ ފުރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނެއްލައިދޫ އާންމުންގެ ގޭގޭގެ ބައެއް ފާހަނާތަކުގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ބުނެ، މިއަދު އެ ރަށުގައި ވަނީ ސުލްހަވެރި އެއްވުމެއް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް ފުލުހުން ބުނީ އެއްވުމެއް ކުރިއަށްދިޔަކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ނުވާ ކަމަށެވެ.