ޚަބަރު

އަންނަ އަހަރުގެ ބަޖެޓު ކަނޑައަޅާއިރު ވަރަށް ގިނަ މުދަލުގެ ޑިއުޓީ ކަނޑައިލެވޭނެ: ފައްޔާޒު

ޝަހީދާ އަބްދުﷲ ސައީދު

އަންނަ އަހަރު ދައުލަތުގެ ބަޖެޓް ކަނޑައަޅާއިރު ވަރަށް ގިނަ މުދަލުގެ ޑިއުޓީ ކަނޑައިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން މިރޭ ގެނެސްދިން ''ފަލަ ސުރުހީ'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނައުމުގައި އަހަރަކު 2000 ރުފިޔާ ކޯޓާއަށް ދެއްކުމަކީ ބޮޑު އަދަދެއް ނޫން ކަމަށެވެ.

އަދި ކުރި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދެމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރު ވަރަށް ގިނަ މުދަލުގެ ޑިއުޓީތައް ކަނޑައިލެވޭނެ ކަމަށެވެ. މިހާރު ދިމާވާ ދަތިތައް ތަހައްމަލު ކުރަން ޖެހޭ ކަމަށާއި މުދަލުގެ ޑިއުޓީ ކަނޑައިލުމުން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެން އެބަ އެކި ގޮތްގޮތަށް އިތުރު ލުއިތައް ގެނެސްދެން. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ބަޖެޓް ފާސްވެގެން ދާއިރު ވަރަށް ގިނަ މުދާތަކުގެ ޑިއުޓީ ކަނޑައިލެވޭނެ. އެވެސް ހަމަ ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް.'' ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ޕޯޓެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ވާހަކަތައް ދެއްކި އިރުވެސް މާލެ ތަރައްގީ ނުކުރާނެ ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

އެގޮތުން އައްޑޫގައި ބިޔަ ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށާއި އަދި ލ.އަތޮޅުގައިވެސް ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އުތުރުގެ ދެ އަތޮޅުގައި ވެސް ދެ އިކޮނޮމިކް ޒޯން ޑިވެލޮޕް ކުރުމުގެ ކަންކަން ކުރަމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރަގަޅުފެންވަރެއްގެ ފަސް ހޮސްޕިޓަލު އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ކުރަނީ މަލޭގެ ތަރައްގީއަށް މަޝްރޫއުތައް ހިންގަަމުން ކަމަށް ވިދާޅުވިއެވެ.