ޚަބަރު

ރިސޯޓެއްގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް

ރިސޯޓެއްގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:43 ހާއިރު އދ. ތުނޑުފުށި އައިލެންޑް ރިސޯޓުގައި އޮތް ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ތިން ބިދޭސީ ފިރިހެނުން އދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ރޭމްޕް ހިއްލުމަށް ޗެއިން ބްލޮކް ބޭނުންކުރި އިރު އޭގެ އެއްފަޅި ފެއިލްވެގެން ކަމަށާއި އެވަގުތު އެ ތިން މަސައްކަތު މީހުން ތިބީ ރޭމްޕް މަތީގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މެޝިނަރީ ފެއިލްވެގެން އައި ސިހުމެއްގައި އެ ތިން މީހުން ވިއްސައިގެން ގޮސް، ބޯޓުގެ ދަގަނޑު ބައެއްގައި ޖެހުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެކަކުގެ އިނގިލިތައް ފިސްވެ، އަނެއް ދެ މީހުންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ބޮލަށް އަނިޔާ ލިބުނު ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.