މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މުހައްމަދު އާސިފް ޕްރޮމޯޓް ކޮށްފިއެވެ.
ސްޕުރިޓެންޑެންޓްގެ މަގާމުގައި ހުންނެވި އާސިފު، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކޮށް އޭނާއަށް ލިޔުން ހަވާލުކޮށްފައި ވަނީ ކަރެކްޝަނަލް ސާވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މާފުށީ ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އާސިފަށް ލިޔުން ހަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި ކަރެކްޝަނަލް ސާވިސްއަށް ދިގު މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ އޮފިސަރުންނަށާއި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދީފައިވެއެވެ.
މި ރަސްމީއްޔާތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އިބްރާހިމް ދީދީއާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި އިސް ވެރިންގެ އިތުރުން ކޮމިޝަން އޮފިސަރުންނާއި އެމްސީއެސްގެ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.