އިބްރާހިމް ޒަކީ
ގއ. ދާންދޫގައި މިއަދު ހަވީރު ކުޅެން އޮތް ބަށި ބޯޅަ ފައިނަލް މެޗް، ހުއްޓުވުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް މިއަދު ނެރުނު އަމުރާ ގުޅިގެން އެކަމަށް ސުލްހަވެރިހައްލެއް ގެނައުމަށް ކަމާބެހޭ ހުރިހާ ފަރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ގއ. ދާންދޫގައި ކުރިއަށް ގެންދާ "ގއ. އަތޮޅު ލީގު - ޒަމާނީ ބަށި ބޯޅާ މުބާރާތް 2019" ގެ ފައިނަލަށް ދަތުރު ކޮށްފައިވާ ގއ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޓީމް (ފަތްމިނި ޓީމް) ފައިނަލުން ކަޓުވާލި ކަމަށްބުނެ އެ މެޗް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ހަވީރު ކުޅެން އޮތް ބަށި ބޯޅަ ފައިނަލް މެޗް، ހުއްޓުވުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރުމެވެ.
ފުލުހުން ބުނީ ކޯޓުން ނެރުނު އެ އަމުރާ ގުޅިގެން ދާންދޫ ކައުންސިލްއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކޯޓުއަމުރު ތަންފީޒު ކުރުމުގެ ޔަގީންކަން ކައުންސިލް ދީފައިވާއިރު، އުފެދިފައިވާ ހިތްނުތަނަވަސްކަމަށް ހައްލެއް ހޯދަން ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފައިނަލް މެޗް ހުއްޓުވަން މިއަދު ކޯޓުން އަމުރު ނެރުނީ، ގއ. ދާންދޫގައި ކުރިއަށް ގެންދާ "ގއ. އަތޮޅު ލީގު - ޒަމާނީ ބަށި ބޯޅާ މުބާރާތް 2019" ގެ ފައިނަލަށް ދަތުރު ކޮށްފައިވާ ގއ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޓީމް (ފަތްމިނި ޓީމް) ފައިނަލުން ކަޓުވާލި ކަމަށްބުނެ އެ މެޗް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައަށް ފައިސަލާ ކުރަނިވި ހުކުމެއް ނެރެންދެން މުބާރާތުގެ ފައިނަލް މެޗް ކުރިއަށް ނުގެންދިއުމަށް ދާންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ކޮމިޓީ އަދި ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް މި ކޯޓު އަމުރުގައި ވަނީ އަންގައިފައެވެ.
ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޝިޒްނާ ނަޖީބު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ގއ. ދާންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ކޮމިޓީން ބަށި ބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޮއިންޓް ސިސްޓަމަށް ކުޅޭ މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ކުޅެންޖެހޭ ހަތަރުމެޗް ކުޅެ ނިމުނުއިރު، ނިލަންދޫ ފަތްމިނި ޓީމުން ކުޅެންޖެހޭ ހަތަރު މެޗްގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. އަދި ހަތަރުވަނަ މެޗްގައި އެޓީމު ބައްދަލުކުރަން ޖެހުނީ ވިލިނގިލީ ޓީމާ ކަމަށާއި، ވިލިނގިލީ ޓީމުގެ ހަތަރު ކުޅުން ތެރިއަކު އިންޖަރީވުމުން ނުކުޅެ ވިލިނގިލީޓީމުން މެޗް ދޫކޮށްލި އެވެ. އެހެންކަމުން މިއަދު 3:30 ހުގައި އޮންނަ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ދާންދޫ އާއި ނިލަންދޫ ކަމަށް ހުރިހާ ޓީމް ތަކާއި ސަޕޯޓަރުންގެ ކުރިމަތީގައި ބަށި ބޯލް ފައުންޑޭޝަނުން އިއްޔެ އިއުލާން ކުރިއެވެ. ނަމަވެސް ނިލަންދޫ ފަތްމިނި ޓީމު ފައިނަލުން ކަޓުވާލައި، ފައިނަލްގައި ކުޅޭ ދެ ޓީމަށް ރޭ މެންދަމު ބަށި ބޯލް ފައުންޑޭޝަނުން ބަދަލުގެނަސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޒްނާ ވިދާޅުވީ، ނިލަންދޫ ފަތްމިނި ޓީމު ކަޓުވާލުމަށްފަހު، ފައިނަލް ގައި ބައްދަލު ކުރާނީ މާމެންދު އާއި ދާންދޫ ކަމަށް ފެޑަރޭޝަނުން އިއުލާންކުރީ ރޭ ގާތް ގަނޑަކަށް ބާރަ ޖަހަން ގާތްވެފައި ވަނިކޮށް ކަމަށެވެ.
އަދި އެތައް ހަރަދަކާއި އެތައް މަސައްކަތެއްކޮށް، ފައިނަލަށް ދިއުމުން، ސަޕޯޓަރުންނާއި ޓީމް ތަކުގެ ހާޒިރުގައި ކުރި އެކަން އިއުލާން ކުރުމަށްފަހު، މުބާރާތް ކުޅެމުންދާ ގަވާއިދާ ހިލާފަށް ބަދަލު ގެނައުމުން އެކަންތައް އޮޅުން ފިލުވަން މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިމަހު 26 ން ފެށިގެން ދާން ދޫގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗް ހުއްޓުވުމަށް ނެރުނު ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، ފަތްމިނި ޓީމް ފައިނަލަށް ގޮސްފައިވާ ކަމަށާއި، ފައިނަލްމެޗް މިއަދު އޮންނާނެ ކަމަށް ހުރިހާ ސަޕޯޓަރުންނާއި ޓީމް ތަކުގެ ހާޒިރުގައި އިއުލާން ކުރުމަށްފަހު، އެ ޓީމު މުބާރާތުން ކަޓުވާލާފައި ވަނީ ކޮން އުސޫލެއްގެ ދަށުންތޯ، މުބާރާތް އިންތިޒާމުކުރާ ފަރާތުން ސާފު ކުރުމަށް އެދި ފަތްމިނި ޓީމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމުމުގެ ކުރިން މުބާރާތުގެ ފައިނަލް މެޗް ކުޅެ ނިމިއްޖެނަމަ، އެކަމުގެ ސަބަބުން ގއ. ނިލަންދޫ ފަތްމިނި ޓީމުގެ ކުޅުންތެރިންނާއި އެ ޓީމުގެ ސަޕޯޓަރުންނާއި އަދި މުޅި ނިލަންދޫ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުރަވާ ކަމަށެވެ.
"ނިލަންދޫ މުބާރާތުން ކަޓުވާލާފައިވަނީ މުބާރާތް ކުޅެ ނިންމުމަށް ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރޭގައި އެކުލެވިގެންނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ފެންނާތީ މިފަދަ ކަންކަމަކީ މުޖުތަމައު ގައި މަސްލަހަތު ގެއްލި، ހަމަނުޖެހުން ތަކުގެ ތެރެއަށް ރައްޔިތުން ހުށަހެޅިގެން ހިނގައިދާނެ ކަމަކަށް ވުމުން ފައިސަލާ ކުރަނިވި ހުކުމެއް ނެރެންދެން މުބާރާތުގެ ފައިނަލް މެޗް ކުރިއަށް ނުގެންދިއުމަށް ދާންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ކޮމިޓީ އަދި ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަށް އަންގައި މިހިނދުން ފެށިގެން މިއަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރު ކޮށްފީމެވެ.،" ކޯޓު އަމުރުގައި ވެއެވެ.