މި އަހަރުގެ ޖޫން މަހާ ހަމައަށް ގެއްލުން ވަމުން އައި ނަމަވެސް ޖުލައިމަހުން ފެށިގެން، އެމްޓީސީސީއަށް ފައިދާވަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ކުންފުނީގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހު މިއަދު ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ ޕްރޮޖެކްޓްތައް ހޯދުމަށް ކުރި މަސައްކަތުންނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެކަން ގެންނެވުމުން، ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާގެ އެއްބާރުލެއްވުމާއެކު، މިހާތަނަށް ނުލިބޭވަރަށް އެމްޓީސީސީއަށް މިހާރު ޕްރޮޖެކްޓް ތައް ލިބިފައިވާ ކަމަށެވެ.
ޝާހު ވިދާޅުވީ، 37 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 17 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މަޝްރޫއަކީ މި ސަރުކާރުން ހަވާލު ކުރި މަޝްރޫއުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ މިސަރުކާރުން އެމްޓީސީސީއާ ހަވާކުކޮށްފައިވާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ކުރީގެ ސަރުކާރުތަކުން ހަވާލު ކޮށްފައިވާ ނުވާ ކަހަލަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.
އެ ގޮތުން ބައެއް ރަށްރަށުގެ ފުޓުބޯޅަ ދަނޑުތަކުގެ ބޭސްގެ މަސައްކަތްތަކާއި ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.