ޚަބަރު

ބާ ކައުންސިލް އަށް ނޫރުބާން ފަހުމީ އިންތިހާބު ކޮށްފި

އިބްރާހިމް ޒަކީ

1

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކު ކަމަށް ގާނޫނީ ވަކީލު މ. ފިނިވާގެ ނޫރުބާން ފަހުމީ އިންތިހާބު ކޮށްފި އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަން ގައި ހެނދުނު 9:00 އިން ހަވީރު 3:00 އަށް ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ.

ބާ ކައުންސިލުން ބުނީ މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ނ.މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް އާ ވާދަ ކުރައްވައި މ. ފިނިވާގެ ނޫރުބާން ފަހުމީ އިންތިހާބު ކާމިޔާބު ކުރެއްވީ 101 ވޯޓު ހޯއްދަވައިގެން ކަމަށެވެ. އަބްދުއްސަލާމް އާރިފަށް ލިބިވަޑައިގެންފައި ވަނީ 97 ވޯޓެވެ. އެހެންކަމުން ނޫރުބާން އިންތިހާބު ކާމިޔާބު ކުރެއްވީ އެންމެ ހަތަރު ވޯޓުގެ ކުޑަ ތަފާތަކުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ބާ ޖަމާލުއްދީނު ގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ދެ ފޮށި ބަހައްޓަކައިގެންނެވެ.

މީގެ ތެރެއިން ދެ ނަންބަރު ފޮށި ހާއްސަ ކޮށްފައި ވަނީ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގދ. އަތޮޅާއި އައްޑޫ ސިޓީ އާއި މާލެ ސިޓީއަށް ނިސްބަތްވާ ގަނޫނީ ވަކީލުންނަށެވެ. ދެން ހުރި ހުރިހާ އަތޮޅުތަކާއި، ފުވައްމުލަކު ސީޓީއަށް ނިސްބަތްވާ ގާނޫނީ ވަކީލުންނަށް ހާސަ ކޮށްފައި ވަނީ އެއް ނަންބަރު ވޯޓު ފޮއްޓެވެ.

ބާ ކައުންސިލުން ބުނީ މިއަދުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 1487 ވަކީލުންނަށް ލިބިފައިވާއިރު، 202 ވަކީލުން ވޯޓު ލެއްވި ކަމަށެވެ. އަދި ސައްހަ ވޯޓުގެ އަދަދަކީ 189 ކަމަށާއި ހަތަރު ވޯޓު ބާތިލްވެފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި އިިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލްގެ މެމްބަރެއްގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ކައުންސިލްގައި އިންނެވި އައިޝާ ސުޖޫން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟