ޚަބަރު

ހޯމަ ދުވަހު މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި، ޓެރަރިޒަމްގެ ގާނޫނަން ގެންނަ އިސްލާހު ފާސްކުރަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ރޭ ފޮނުވި ޓެރަރިޒަމް ހުއްޓުވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އަންނަ ހޯމަ ދުވަހު މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި އެޖަލްސާއިން ފާސްކުރަން ނިންމައިފިއެވެ.

ސަރުކާރުން ހުށަހެޅި އަވަސް ބިލެއްގެ ގޮތުގައި ބިލު މަޖިލީހަށް ފޮނުވުމުން، ބިލުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިހާތަނަށް ވަނީ ބާއްވައިފައެވެ.

މިމަހު 22 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލު ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ، އާއްމުންގެ ހިޔާލާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއި، މަޖިލިސް މެންބަރުންގެ ހިތާލުވެސް ހޯދައިގެން ބިލު ދިރާސާ ކުރުމަށެވެ.

ބިލަށް އާއްމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހު 23 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީން ހުޅުވައިލިއެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ގެ އިތުރުންވެސް އެކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުގެ ހިޔާލުވެސް ބިލް ދިރާސާ ކުރުމުގައި ކޮމިޓީން ވަނީ ހޯދައިފައެވެ.

ބިލް ދިރާސާކުރި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ބިލްގެ މަސައްކަތް މުޅިން ނިންމައި ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، މާދަމާ މެންދުރު 12:00 ގެ ނިޔަލަށް އެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ މެންބަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހު ދައުރުން ބޭރުގެ އިތުރު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބި ވަޑައިގެންފައިވާ ކަމަށާއި އެ ޖަލްސާގައި ބިލަށް މެންބަރުން ހުށައަޅާ އިސްލާހުތަކަށް ވޯޓަށް އެހުމަށްފަހު، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރުމަށް ވޯޓަށް އަހާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި މި ބިލު ކޮމިޓީން ދިރާސާކުރިއިރުގައި ބައެއް މާއްދާތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.