ޚަބަރު

ނިއުޕޯޓް ހުރި ބިން ހަވާލުކޮށް، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ކުރި ހުކުމް އިސްތިއުނާފް ކުރަނީ

އިބްރާހިމް ޒަކީ

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ނިއުޕޯޓް ވިއު ހުރި ބިން، ފަނަރަ ދުވަހުގެ ތެރޭގައި ހަވާލުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ނިއުޕޯޓް ވިއު ހުރި ބިން، ފަނަރަ ދުވަހުގެ ތެރޭގައި ހަވާލުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

އެ ހުކުމް ހައިކޯޓުގައި ތަންފީޒު ކުރަން ނިންމައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީ ކުރުމާބެހޭ އެއްބަސް ވުމުގައި 2016 ވަނަ އަހަރު އެ ކުންފުނިން ސަރުކާރާ އެކު ސޮއިކުރީ، ހެންވޭރު ރާޅުގަނޑު ސަރަހައްދުން ކުއްޔަށްދޭ ބިމުގައި، ބްރިޖު އިމާރާތް ކުރުމުގެ މަސައްކަތް އާއްމުންނަށް ފަސޭހައިން ބަލައިލެވޭނެ، އިންތިޒާމު ހަމަޖެއްސުމަށާއި، ސީއެސްއާރުގެ ދަށުން އާއްމުންނަށް ބޭނުންހިފޭނެ އެހެނިހެން ހިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ކެއިން ބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަން ގާއިިމް ކުރުމަށް ކަމަށެވެ.

އަދި އެކަމަށްޓަކައި އެ ސަރަހައްދު ކުއްޔަށް ހިފީ ރެކޯޑް މިންވަރެއްގެ ބޮޑު ކުއްޔަކަށް ކަމަށްވެސް ބުނެފައިވެވެ.

ސީއެސްއާރުގެ ދަށުން ބްރިޖް ވިއުން ޕްލެޓްފޯމަކާއި، ފުޓްސަލް ދަނޑަކާއި، ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީކޮށްފައިވާ ކަމަށާއި އެ އިންވެސްޓްމެންޓްތައް ކަވަރ ކުރުމަށް ބައިނަލް އަގްވާމީ ފްރެންޗައިސް ބްރޭންޑް "ޗާޓައިމް" އާއި ނިއުޕޯޓް ވިއު އެ ސަރަހައްދުގައި ތަރައްގީ ކުރި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ހުޅުވިތާ ހަ މަސް ދުވަހުގެ ތެރޭގައި، ބޮޑުތަކުރުފާނުމަގު ޗާޓައިމް ހިންގި ސަރަހައްދު ބޮޑުތަކުރުފާނު މަގު ރިންގް ރޯޑް ތަރައްގީކުރުމަށްޓަކައި ދައުލަތުން ނަގަން ބޭނުންވާ ކަމަށް ބުނެ އެތަން ހުސްކުރުމަށް އެންގި އެންގުމަށް އެ ބިން ހުސް ކުރުމުން އެ ކުންފުންޏަށް ކުއްޔަށް ދީފައި އޮތް ބިމުގެ ސަރަހައްދު ކުޑަވި ނަމަވެސް އެއަށް ރިއާޔަތްކޮށް ބިމުގެ ކުއްޔަށް ބަދަލެއް ގެނެސްގައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ބިމުގެ ކުލި، ކޮންމެ މަހަކު ސަރުކާރަށް ދެއްކުމާމެދު އިއުތިރާޒް ކޮށްފައި ނުވާނެ ކަމަށެވެ.

"ކުންފުނިން އަބަދުވެސް ބުނަމުން އައީ އެ ކުންފުންޏަށް ލިބިފައިވާ ބިމެއްގެ ބައެއް، އާއްމުވެގެންވާ މަންފާއަކަށް ވިޔަސް، ކޯޓެއްގެ ހުކުމަކާނުލައި، އަދި ކޯޓަކުން އެކަމަށް އަދުލުވެރި ބަދަލެއް ކަނޑައަޅާފައި ނުވަނީސް މި ކުންފުނީގެ ކިބައިން ނަގާފައި ވަނީ، ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ހިލާފަށްކަމަށެވެ.،" ބަޔާނުުގައި ވެއެވެ.

ސްޓްރާޑާއިން ބުނެފައިވަނީ އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދެއްކުނީވެސް، ޗާޓާއިމްގެ ވިޔަފާރި ހުއްޓުމަކަށް އައުމުން ކުންފުންޏަށް ލިބޭ އާމްދަނީ ހުއްޓުމުން ކަމަށެވެ.

އެކަމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވި، ކުންފުނި މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އަދި އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ އަދަދު، ބަދަލުގެ ގޮތުގައި ސަރުކާރުން އެ ކުންޏަށް ދައްކަންޖެހޭ އަދަދު ބޮޑު ކަމަށާއި، ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާއިން، އެ އަދަދު ކަނޑައިލިޔަސް ސަރުކާރުން ދޭންޖެހޭ ފައިސާގެ އަދަދު މާ ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކުންފުންޏަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުމުގެ މަސަތްކަތް ކުރަމުން ދަނިކޮށް، އޭސީސީގެ އެންގުމަކަށް އެ މަސަތްކަތް ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ކޮށްފައިނުވާ ކަމަށާއި ކުންފުންޏަށް އަދުލުވެރި ބަދަލެއް ދިނުމަށް އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ، އެމީހަކަށް ދައުވާކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރަހެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ 15 ދުވަހުގެ ތެރޭގައި ނިއުޕޯޓް ކުރި ބިން ހުސްކޮށް، ސަރުކާރާ ހަވާލު ކުރުމުގެ އިތުރުން ބަދަލުގެ ގޮތުގައި 1.1 މިލިޔަން ރުފިޔާ ސަރުކާރަށް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅަށް ބެލުމެއް ނެތި ކޮށްފައިވާ ހުކުމެއް ކަމަށެވެ.