އިބްރާހިމް ޒަކީ
މާލެ އާއި އަތޮޅުތަކުން 5،000 އަށްވުރެ ގިނަ ގެ ކަނޑައަޅައި ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސަރވޭ ފަށައިފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ، އެކި ބުރުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިސާވޭގައި މައުލޫމާތު ނެގުމުގެ މަސައްކަތް އަންނަ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މިސާވޭގެ މާލޭގެ ފުރަތަމަ ބުރު، ހޮވާލާފައިވާ ސަރަހައްދު ތަކުގައި މިއަދު ވަނީ ފަށައިފައެވެ.
ނަމަވެސް އަތޮޅުތަކުގައި މިސަރވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އަންނަ އޮކްޓޯބަރ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުންޏެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ މާލޭގައި މިސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއެއްގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި މިސަރވޭ ކުރިއަށްގެންދާނެއެވެ.
އެ ބިޔުރޯއިން ބުނީ މިސާވޭގައި ކަމާބެހޭ މައުލޫމާތު ނެގުމަށް، ތަމްރީނު ކޮށްފައިވާ ޓީމެއް ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ.
އަދި މައުލޫމާތު ނެގުމަށް ގޭބިސީތަކަށް ޒިޔާރަތްކުރާ އެ ފަރާތްތަކަށް ކަމާބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައިޑީކާޑެއް ދީފައިވާނެ ކަމަށާއި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 9:00 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
"މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.،" މިސާވޭއާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ބިއުއޯއިން ބުނީ މިސާވޭ އަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑު މަސައްކަތަކަށް ވުމާ އެކު، އާއްމުންގެ ފުރިހަމަ އެއްބާރު ލެއްވުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށްވެސް ބުނެފައިވެއެވެ.
ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރަމުން އަންނަ ސާވޭ އެކެވެ.