ޚަބަރު

ބާ ކައުންސިލްގެ ބައި އިލެކްޝަނަށް ހެންދުނު 9:00 އިން ފެށިގެން ކުރިއަށް އެބަދޭ

އިބްރާހިމް ޒަކީ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ހެންދުނު 9:00 އިން ފެށިގެން ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ އެހީތެރިކަމާއެކު ބާއްވާ މި އިންތިހާބުގެ ވޯޓު ލުން މިއަދު ހަވީރު 3:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

މި އިންތިހާބުގައި ގާނޫނީ ދެ ވަކީލަކު ވާދަ ކުރައްވައެވެ.

އެއީ ނ.މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް އާއި މ. ފިނިވާގެ ނޫރުބާން ފަހުމީއެވެ.

މި އިންތިހާބު ގައި ވޯޓު ލާން ބަހައްޓާފައިވާ ދެ ފޮށިވެސް ބަހައްޓާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ބާ ޖަމާލުއްދީނު ގައެވެ.

މި ދެފޮށީގެ ތެރެއިން ދެ ނަންބަރު ފޮށި ހާއްސަ ކޮށްފައި ވަނީ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގދ. އަތޮޅާއި އައްޑޫ ސިޓީ އާއި މާލެ ސިޓީއަށް ނިސްބަތްވާ ގަނޫނީ ވަކީލުންނަށެވެ. ދެން ހުރި ހުރިހާ އަތޮޅުތަކާއި، ފުވައްމުލަކު ސީޓީއަށް ނިސްބަތްވާ ގާނޫނީ ވަކީލުންނަށް ހާސަ ކޮށްފައި ވަނީ އެއް ނަންބަރު ވޯޓު ފޮއްޓެވެ.

ބާ ކައުންސިލްގެ މެމްބަރެއްގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ކައުންސިލްގައި އިންނެވި އައިޝާ ސުޖޫން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބާ ކައުންސިލުން ބުނީ މި އިންތިހާބުގެ ވޯޓު ގުނަން ފަށާނީ މިއަދު ވޯޓުނަގައި ނިމޭތާ 30 މިނިޓްގެ ފަހުންނެވެ.

އިިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވާ އާދިއްތަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ.

ބާ ކައުންސިލްގެ ބައި އިލެކްޝަންގެ ކަންތައް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ.