އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމަށްޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ސިމްޕޯޒިއަމެއް ފަށައިފިއެވެ.
ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމް މިރޭ އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.
މި ސިމްޕޯޒުއަމްގައި ދިވެހިރާއްޖޭގެ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށްޓަކައި، ކުރެވެން ހުރި ކަންކަން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސިމްޕޯޒިއަމްގައި ފެމިލީ ޖަސްޓިސްގެ ނިޒާމާ ގުޅޭގޮތުން ހަތަރު ކީ ނޯޓް ލެކްޗަރ ދިނުމަށް ހަމަޖެހިފައިވެއެވެ. ކީ ނޯޓް ލެކްޗަރ ދެއްވާނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖަސްޓިސް މުހައްމަދު އީމާން އަލީ އާއި ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓަރ ޑރ. މުނީރު ސަފީލްދީން އާއި ޕާކިސްތާނުގެ ކެރިއަރ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރ އޮނަރަބަލް ފާޚާރު ޒަމާން އަދި ތުރުކީވިލާތުގެ ފަސްޓް ކްލާސް ޖަޖް އޮނަރަބަލް ޒޭނެޕް ކުރްނާޒެވެ.
ކޯޓުތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ކަމާ ގުޅުންހުރި މިނިސްޓްރީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތުން މުޅިއެކު ދިހަ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ފަރާތުން އާއިލީ އަދުލުގެ ނިޒާމް އިސްލާހުކުރުމަށް ހުށަހަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.