ކޮންމެ އަހަރަކު، ސިލްސިލާކޮށް ޓުއަރިޒަމް ޖޮބް ފެއާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ޓުއަރިޒަމް ޖޮބް ފެއާ ބާއްވާނެކަން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާނު ކުރެއްވީ ޓުއަރިޒަމް ޖޮބް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ފެއާ އަކީ ގިނަ ޒުވާނުންތަކަކަށް ވަޒީފާގެ ފުރުސަތު ފަހި ވެގެންދާނެ ފެއާއެއް ކަމަށެވެ. އަދި މި ފެއާގައި މެނޭޖްމަންޓް ލެވަލްގެ ވަޒީފާވެސް ހުށަހެޅަފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަރުކޮޅުފުށީގައި މިރޭގެ ނިޔަލަށް ކުރިއަށްދާ މި ޖޮބް ފެއާގައި ރާއްޖޭގެ 70 ރިސޯޓަކުން ބައިވެރިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ރިސޯޓަކުންވެސް ތަފާތު އެތައް ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ރިސޯޓުތަކުން އިންޓާންޝިޕް ފުރުސަތުތަކަށް ވެސް މި ފެއާގައި ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ހަމައެކަނި ސްޓޯލްތައް ބަލާލާފައި ގެއަށް ދާން ޖެހޭ ފަދަ ފެއާއަކަށް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްދާ އެކި ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށްވާ މި ފެއާގެ އިތުރުންވެސް މިނިސްޓްރީން ވަނީ އެކި ހަރަކާތްތައް ޓުއަރިޒަމް ދުވަސް ފާހަގަކުރުމަށް ރާވައިފައެވެ. އެގޮތުން ރ. އަނގޮޅިތީމުގައި ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިޒިޓިންގ ސެންޓަރުގެ ބިންގާ އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ފްރީ ޑައިވިންގެ ދުނިޔޭގެ ރެކޯޑް ހެދުން ފަދަ މުހިއްމު ހަރަކާތްތައް މިނިސްޓްރީން ވަނީ ރާވައިފައެވެ.