އަލީ ރިފްޝާން
ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ވޮލީ ވެޓެރަންސް ގުޅިގެން ރާއްޖޭގައި ބާއްވާ ޕްރެޒިޑެންޓްސް ބީޗް ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
ފުރަވެރި އައިލެންޑް ރިސޯޓުގައި ބާއްވާ އެ މުބާރާތް ފެށުމަށް މިއަދު ހެނދުނު އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އެ މުބާރާތް ކުރިއަށްދާނީ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ މިކްސް ރެކްރިއޭޝަނަލް ޑަބަލްސް ޑިވިޝަނާއި މިކްސް ރެކްރިއޭޝަނަލް ކުއާތުރީ ޑިވިޝަން އަދި ޕްރޯ ޑަބަލްސް ޑިވިޝަނެވެ.
އެ މުބާރާތުގައި 25 ގައުމަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 85 ކުޅުންތެރިން ވާދަކުރެއެވެ. އެ މުބާރާތުގައި އެމެރިކާ ބައްރުތަކުގެ ކުޅުންތެރިންގެ އިތުރުން ޔޫރަޕް އަދި އޭޝިއާގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ފަސްވަނައަށް ރޭންކް ކުރާ ޕެއާ ވެސް އެ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވެއެވެ.