އަލީ ރިފްޝާން
ރާއްޖޭގައި ބާއްވާ ޕްރެޒިޑެންޓްސް ބީޗް ވޮލީބޯޅަ މުބާރާތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 85 ބީޗް ވޮލީ ކުޅުންތެރިން ބައިވެރިވުމަށް ހަމަޖެހިއްޖެއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ވޮލީ ވެޓެރަންސް ގުޅިގެން ބާއްވާ އެ މުބާރާތުގައި 25 ގައުމަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 85 ކުޅުންތެރިން ވާދަކުރާނެ ކަމަށެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އެ މުބާރާތުގެ އިތުރުން ވެސް ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތްތައް ކުރިއަށްގެންދާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
އެ މުބާރާތުގައި އެމެރިކާ ބައްރުތަކުގެ ކުޅުންތެރިންގެ އިތުރުން ޔޫރަޕް އަދި އޭޝިއާގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ފަސްވަނައަށް ރޭންކް ކުރާ ޕެއާ ވެސް އެ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވެއެވެ.
ތިން ޑިވިޝަނަކަށް ބަހާލައިގެން ދުނިޔޭގެ ރޭންކިން ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ ކުޅުންތެރިންނާއި މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާއެކު ބާއްވާ އެ މުބާރާތް ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފުރަވެރި އައިލެންޑް ރިސޯޓުގައެވެ.