ޚަބަރު

ދެމެހެއްޓެނިވި އުޖާލާ މުސްތަގްބަލަކަށް ސިޑްސްގެ ގައުމުތަކުން މަސައްކަތް ކުރާނެ: ރައީސް

ދެމެހެއްޓެނިވި، އުޖާލާ މުސްތަގްބަލެއް ކަށަވަރު ކުރުމަށް 2025 ވަނަ އަހަރުގެ ކުރިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރަން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) އިން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދިޔަ ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން، (ސެމޯއާ) ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޑްސް އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތްވޭގައި ކަނޑައަޅާފައިވާ ކަންކަން ހާސިލްވެފައިވާ މިންވަރު ބެލުމަށް މިހާރު ކުރިއަށްދަނީ އެ މުއާހަދާގެ މިޑް-ޓަރމް ރިވިއުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މުއާހަދާގެ އަމާޒަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިމަގު ބައްޓަން ކުރުން ކަމަށެވެ.

ނަމަވެސް މި މަސައްކަތުގައި ސިޑްސް އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސިޑްސްގެ ގައުމުތަކަކީ ވަރަށް ގިނަ ގޮތްގޮތުން އެހެނިހެން ގައުމުތަކާއި ތަފާތު ގައުމުތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ގައުމުތަކުގެ ޖިއޮގުރަފީ ސިފަތަކާއި ގުދުރަތީ ވެށީގެ ނާޒުކު ކަމާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރުކުރާ މިންވަރު ބޮޑުވުން ހިމެނޭ ކަމަށެވެ.

އަދި ސެމޯއާ ޕާތްވޭގައިވާ އަމާޒުތައް ހާސިލްވުމަށް ގަދަރުވެރި، ސުލްހަވެރި، ތިޔާގި އަދި ތިމާވެއްޓާއި ރަހުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭއިރު، ސިޑްސްގެ ގައުމުތަކުގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާނެ ކަމުގައި ވިދާޅުވެ، އެ ފަރާތްތަކުން އެ ގޮތުގައި ދެމިތިބުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.

ސިޑްސްގެ ގައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާމެދު ވާހަކަފުޅު ދައްކަވަމުން، ރައީސް އިތުރަށް ވިދާޅުވީ، މިކަމުން ލިބޭ މަންފާތަކަކީ ދުރު ރާސްތާއެއްގައި ހާސިލްވާނެ ކަންތައްތަކެއް ކަމަށެވެ.

އަދި އޭގެ ނަތީޖާއަކަށް ވާނީ، ސުލްހަ އާއި ހަމަޖެހުމާއި ތިޔާގިކަން ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ގޮވާލައްވައިފައެވެ.