އަލީ ރިފްޝާން
އަށާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.
ނޭޕާލުގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީގައި މިއަދު އިންޑިއާ އަތުން ރާއްޖެ ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އިންޑިއާއަށް ލީޑު ހޯދައިދިނީ އެޓީމުގެ ޑިފެންޑަރު ނަރެންދަރެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފެނިގެންދިޔަ ލަނޑަކީ ރާއްޖޭގެ ޑިފެންޑަރު އަހުނަފް ރަޝީދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އިންޑިއާ އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި އިންޑިއާގެ ތިންވަނަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަންވީރު ސިންގް ކާމިޔާބުކޮށްދިން އިރު، މެޗުގެ 83 ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނިންތޮއިންގަންބިއާ މީތީ ކުމަންތެމްއެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުންނަން ޖެހޭނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. މިއަދު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ބަންގުލަދޭޝް އިން ވަނީ 4-0ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައެވެ. ގްރޫޕު ސްޓޭޖުގައި ވެސް އިންޑިއާ އާއި ބަންގުލަދޭޝް ވަނީ ބައްދަލުކޮށްފައެވެ. "ގްރޫޕު ބީ"ގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިއަހަރުގެ މުބާރާތަކީ ރާއްޖެއަށް އެންމެ ކާމިޔާބު މުބާރާތެވެ. 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށީ 2015 ވަނަ އަހަރެވެ. މީގެ ކުރިން ކުޅުނު ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވަނީ ނޭޕާލުންނެވެ. ނަމަވެސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައެވެ. އަމިއްލަ ގައުމުގައި ބާއްވާ މިއަހަރުގެ މުބާރާތުގެ ގްރޫޕު ސްޓޭޖު ނޭޕާލަށް ނިންމާލަން ޖެހުނީ ގްރޫޕުގެ ފުލުގައި އޮވެއެވެ. ފުރަތަމަ މެޗުގައި ރާއްޖެ އަތުން އެއްވަރުވި އިރު، ދެވަނަ މެޗުގައި ބޫޓާން އަތުން ނޭޕާލް ވަނީ ބަލިވެފައެވެ.