ޚަބަރު

އދ.ގެ ސެކްރެޓަރީ ޖެނެރަލާ ރައީސް ބައްދަލުކުރައްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާއި ގައުމުތަކުގެ އާންމު ހާލަތާ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ސެކްރެޓަރީ ޖެނެރަލް ދެއްވާ އަހަންމިއްޔަތު ކަމަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ދާހިލީ އަދި ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އދ.ގެ ދައުރު ވަރަށް މުހިއްމު ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފަހާގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ރާއްޖެ އާއި އދ.އާ ދެމެދު މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސް ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ކަންތައްތަކަށް ތާއީދު ކުރައްވައިފައެވެ. އަދި ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ.އިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ދެއްވިއެވެ.